ބޯ ވާރޭގެ ސަަބަބުން ފަލަސްޠީނުގެ ޣައްޒާގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިތުރު ނުރައްކާތައް ކުރިމަތިވެފައިވާ ކަމަށް އދގެ ހިޖުރަކުރުމާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއޯއެމްއިން ބުނެފިއެވެ.
ޑިސެމްބަރު މަހުގެ 11ވަނަ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދިޔަ އެތައް ފޭލިގެއަކާއި އެ ފަދަ އެހެން ވަގުތީ ހިޔާތަކުގައި ކަށި
މައްޗަށްވުރެ މައްޗަށް ފެންބޮޑުވެ އެ ތަންތަނުގައި ދިރިއުޅެމުން ދިޔަ މީހުންގެ ތަންމަތި ފޯވެ ހިފައިގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. ފޭލިގެއަށް ފެންވަނުމުގެ ސަބަބުން ތުއްތު ކުއްޖެއް ވެސް މަރުވެފައިވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 12 މީހުން ވަނީ މަރުވެފައި ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައެވެ. 13 އިމާރާތެއް ވެއްޓި ބިމާ ހަމަވެފައިވާއިރު، 27،000އަށްވުރެ ގިނަ ފޭލިގޭގައި ވަނީ ފެންބޮޑުވެފައެވެ. 4،000އަށްވުރެ ގިނަ މީހުން ޣައްޒާގެ އައްސޭރިފަށުގައި ދިރިއުޅޭ 4،000އަށްވުރެ ގިނަ މީހުން ތޫފާނުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާއިރު އޭގެ ތެރެއިން 1000 މީހުންނަނީ މޫދުގައި އުފެދިފައިވާ ބިޔަ ރާޅުގެ އަސަރު ސީދާ ކުރަމުންދާ މީހުންނެވެ.
އައިއޯއެމްއިން ބުނީ ޣައްޒާގެ ގެދޮރު ގެއްލިފައިވާ 795،000އެއްގާ މީހުން ދިރިއުޅެމުން ދަނީ ބިންތިރި އަދި ގައުކުނޑިން ފުރިފައިވާ ސަރަޙައްދުތަކުގައި ކަމަށެވެ. އެ ފަދަ ސަރަޙައްދުތަކުން ފަސޭހައިން ފެން ނުހިނދޭ ކަމަށާއި، އެ ސަރަޙައްދުތަކުގައި ފެން ބޮޑުވުމާއި ބަލިމަޑުކަން ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް އެ އިދާރާއިން ބުނެއެވެ.
އެހީދޭ ޖަމްޢިއްޔާތަކަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަގުތީ ހިޔާތައް ހެދުމަށް ނުވަތަ މަރާމާތު ކުރުމަށް ބޭނުންވާ ފައްޗާއި ފިލައާއި، ފެން ވަނުން ހުއްޓުވުމަށް ބޭނުންކުރާނެ ވެލި ބަސްތާއާއި ފެން ހިނދުމަށް ބޭ
ނުންކުރާނެ ޕަމްޕު ފަދަ ތަކެތި ޣައްޒާއަށް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކެވެ. ޣައްޒާއަށް މިހާރު އެތެރެކޮށްފައިވާ ބައެއް ތަކެތި ވެސް މޫސުން ގޯސްވުމުގެ ސަބަބުން ރައްޔިތުންނާ ހަމައަށް ފޯރުނުކޮށްދެވި، ތަކެއްޗަށް ގެއްލުން ލިބެމުންދާ ކަމަށް އައިއޯއެމްއިން ބުނެއެވެ.