ޚަބަރު

ފޯރިގަދަ މަސް ރޭހުގެ އެއްވަނަ "ޓީމް ސައުސަން" އަށް 25،000 ރުފިޔާ


  • ޖުމްލަ 10 ޓީމަކުން މަސް ރޭހުގައި ބައިވެރިވެފައިވޭ

  • މަސް ރޭސް ނިންމާފައިވަނީ 8 ޓީމަކުން

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ރ. ދުވާފަރުގައި 10 ޓީމަކާއެކު ބޭއްވި މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރައިން އިންތިޒާމުކޮށްގެން ބޭއްވި މަސް ރޭހެކެވެ.

ޤައުމީ ފެންވަރެއްގައި ދުވާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދެއެވެ. އެގޮތުން ބޭއްވުނު އެންމެ ފޯރިގަދަ އެއް ހަރަކާތަކީ މަސް ރޭހެވެ. މިއީ މަސްވެރިކަމުގެ ރޫޙުއާލާކޮށް، މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތައް އިތުރު ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވެނު ހަރަކާތެކެވެ.

އެ ރޭހުގައި ރ. އަތޮޅުގެ 3 ރަށަކުން 10 ޓީމަކުން 90 މީހުން ބައިވެރިވެފައިވެއެވެ. އެއީ ދުވާފަރަށް ނިސްބަތްވާ ފަސް ޓީމާއި، އުނގޫފާރަށް ނިސްބަތްވާ 4 ޓީމު އަދި ރަސްމާދޫގެ ޓީމެކެވެ. މި ޓީމުތަށް، މަހަށް ފުރާފައިވަނީ 12 ވަނަ ދުވަހު މެނދުރު ފަހު 3:15 ގައިއެވެ. އަދި މަހުން އަނބުރާ އައުމުގެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 9:15 އެވެ. ރޭހުގެ ވަގުތު ހަމަވީއިރު ގަޑިއަށް އަނބުރާ އައިސްފައިވަނީ 8 ޓީމެވެ.

މުބާރާރުގެ ވަނަތަކަށް ދިޔަ ޓީމުތަކަށް އިނާމު ހުށަހަޅާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކައި ބެހޭ ވުޒާރާއާއި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯއެމްޕީސީ) އިންނެނެވެ. މި މުބާރާތުގައި އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާފައިވާއިރު އެންމެ ބަރު މަސް ބޭނި ފަރާތްވެސް ވަނީ ހޮވާފައެވެ.

• އެއްވަނަ ޓީމު: ޓީމް ސައުސަން - ޖުމްލަ 25،000 ރުފިޔާ އިނާމެއް
• ދެވަނަ ޓީމު - ޓީމް ކުއިކަރ - 17،000 ރުފިޔާގެ އިނާމެއް
• ތިންވަނަ ޓީމު - ޓީމް އައިރިސް - 10،000 ރިފިޔާ އިނާމެއް

މުބާރާތުގައި އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ރަނގަލިގެ އަހުމަދު އީސާއެވެ. އޭނާ ވަނީ 28 ކިލޯގެ ހިބަރެއް ބާނާފައެވެ. އެންމެ ބަރު މަސް ބޭނި ފަރާތަށް 1500 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ،

މަސްވެރިކަމާއި ބެހޭ ވުޒާރާއިން އިންތިމްކޮށް އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަސް ރޭސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑު ބެރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު ކުލަ ގަދަކޮށް ފާހަގަކުރިއިރު، ދުވާފަރު ގިނަ އަދަދެއްގެ ރައްޔިތުން މި ހަރަކާތުގަިއ ބައިވެރިވެފައިވެއެވެ.