ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވާ މިންވަރު އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެސްއީއެޑް ގާނޫނުގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިގްސްއަށް ރަސްމީކޮށް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014ވަނަ އަހަރުއެވެ. މިކަމަށް އަލިއަޅުއްވާލައްވާ އިޤްތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނެއް ރާއްޖޭގައި ތަސްދީގުކުރެއްވުނީސުރެ ގާތްގަނޑަކަށް 12 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ޕްރެކްޓިކަލީ ކުރެވިފައެއް ނެތްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް ބޮޑު ޕިލާއެއް ނުވަތަ ވަޢުދަކީ ރާއްޖޭގެ އިޤްތިޞާދު ޑައިވާސިފައި ކުރުމެވެ. ވުމާއެކު ރާއްޖޭގައި އެހެނިހެން ސިނާއަތްތައް ކުރިއެރުވުމަށް އަދި ޓޫރިޒަމް ސިނާއަތްވެސް ސިންދަފާތުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ތަރައްޤީގެ އެޖެންޑާގައި ފަހަތައް ސޮއްސާލާފައި ހުރި ކަންތައްތަކާއި ނުކޮށް ހުރި ކަންތައްތައް، އަދި ޒުވާން ޖީލު ބޭނުންވާ އަދި ނުކުރެވި ހުރި ކަންތައްތައް އެ ޖީލަށްޓަކައި ކޮށްދެއްވުމަށް ރައީސް މަސައްކަތްކުރައްވާ ކަމަށެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން (ސީޒޯން) އެކްޓިވޭޓް ކުރެއްވުމަކީ އޭގެ ތެރެއިން ކުރެވުނު މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސްޕެޝަލް އިކޮނިމިކް ޒޯން އެކްޓިވޭޓް ކުރިއިރުގައި، މާނައަކީ އަބަދުވެސް އޮވެޔޭ 9 ދާއިރާއަކުން ސްޓެރީޖިކް ކުރެވިދާނެ. އެހެންނަމަވެސް 10 ވަނަ ދާއިރާއެއް ރައީސްގެ ގަރާރުގައި ހިމެނުއްވީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްކުރުމަށް." ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ކުރީގެ ޤާނޫނުގައި ވަރަށް ގިނަ ޓެކްސްތަކެއް މާފުވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މިހާރު އެކަން ބަދަލުކޮށް، ދަޢުލަތަށް ލިބެން ހުރި ފައިސާތައް ޕްރޮޓެކްޓުވާ ގޮތަށް ބައުންޑްރީސްތަކެއް ހެދިފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ދަޢުލަތަށް ލިބެންޖެހޭ ފައިސާތައް ލިބޭނެ ގޮތް ހަމަޖެހި، އިންވެސްޓަރުން ހިންހަމަޖެހޭ ގޮތަށް ގާނޫނު ޑިޒައިންކުރެވިގެންދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އެކަމު އެކަން ބަދަލުކޮށް ދަޢުލަތަށް ލިބެން ހުރި ފައިސާތައް ޕްރޮޓެކްޓުވާ ގޮތަށް ބައުންޑްރީސްތަކެއް ހެދިގެން އެފައިސާތައްވެސް ލިބޭ ގޮތަށް އަދި އިންވެސްޓްމެންޓަށް އިންވެސްޓަރުން ހިންހަމަޖެހޭގޮތަށް ޑިޒައިންކުރެވިގެން ހަމަ ރާއްޖެއާ ކޮމްޕީޓުކުރާ ތަންތަނާ ވާދަކުރާ ތަންތަނުން އިންވެސްޓަރުންނަށް ޑެލިވަރކުރާ ކަހަލަ ޕްރޮޖެކްޓެއް ހެދިގެން އިންވެސްޓްމެންޓް ފޯރަމްތަކުގައި ޕްރޮމޯޓުވެސް ކުރެވިގެން ދިޔަ. މިއީ އަސްލު އިންވެސްޓަރުންނަށް މިކަން ކުރަން ކަމުދިޔަ ގޮތަކީ" ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އެސްއީޒެޑް ޤާނޫނަށް މި ގެނައި އިސްލާހާއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް މަޝްރޫޢުތައް ހިންގުމަށް އިންވެސްޓަރުންނަށް ހުޅުވާލިއެެވެ. އަދި އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރާ ބޯޑް އޮފް އިންވެސްޓްމަންޓުން މިހާރު ވަނީ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދީފައެވެ.