ބައިނަލްއަޤްވާމީ ދުނިޔެއިން އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާ، އޯއެޗްސީއެޗްއާރަށް އެހީގެ ގޮތުގައި ދޭ ފައިސާގެ ޢަދަދު ބޮޑުތަނުން މަދުވުމާ ގުޅިގެން އެ އިދާރާގެ ހިންގުމަށާއި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އިންސާނީ ހައްޤުތައް ގެއްލެމުންދާ މީހުންނަށް ބޮޑެތި އަސަރުތައް ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އޯއެޗްސީއެޗްއާރުގެ އިސްވެރިޔާ، ވޮލްކަރ ޓަރކް ވިދާޅުވީ ހަމަނުޖެހުންތައް ހިންހަމުންދާ ޤައުމުތަކުގައި ހައްޤުތައް ގެއްލެމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު އޯއެޗްސީއެޗްއާރަށް ލިބިފައިވާ ވަޞީލަތްތައް މަދުވަމުންދާ ކަަމަށެވެ. އޯއެޗްސީއެޗްއާރުގެ އިތުރުން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެހެން އިދާރާތަކަށް ވެސް އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޙާލަތުގައި އޯއެޗްސީއެޗްއާރުގެ މަސައްކަތްތައް ކުރިއަށް ގެންދެވެނީ ކިރިޔަކިރިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓަރކް ވިދާޅުވީ އޯއެޗްސީއެޗްއާރުގެ މަސައްކަތްތައް ކުރުމަށް އެ އިދާރާއަށް މި އަހަރު ލިބިފައި ވަނީ މި އަހަރަށް ބޭނުންވާ ޢަދަދަށްވުރެ 90 މިލިޔަން އެމެރިކާ ޑޮލަރު މަދު ޢަދަދެއް ކަމަށެވެ. އެއާއެކު 300 ވަޒީފާ އުނިކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން އެ އިދާރާގެ ހިންގުމަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ވެސް މަދުކުރަން ޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ކޮލޮމްބިޔާއާއި ކޮންގޯއާއި މިޔަންމާއާއި ތޫނިސްއާއި ބައެއް އެހެން ޤައުމުތަކުގައި ކޮންމެހެން ކުރުން މުހިންމު މަސައްކަތްތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޯއެޗްސީއެޗްއާރަށް ލިބޭ އެހީގެ ޢަދަދު މަދުވުމުގެ ސަބަބުން އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް، ޚާއްޞަކޮށް ސޫދާންއާއި ޣައްޒާއާއި ޔޫކްރެއިންގަައި ކުރާ މަސައްކަތްތަކަށް، ބޮޑެތި އަސަރުތައް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.