މހާރު ކުރިއަށްދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފޯރީގަ ކުރިއަށް އެބަދެއެވެ.
21 އަންހެންޓީމާއި 4 ފިރިހެން ޓީމު ހިމެނޭހެން ކުރިއަށްދާ މިމުބާރާތުގައި 4 ގްރޫޕަކުން މެޗުތައް ކުޅެމުންދާއިރު އަންހެނުންގެ ޑިވިޝަނުގެ ގްރޫޕް 1ގެ އެއްވަނައިގަވަނީ މިވަގުތުވަނީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު އެމްއޭސީއެލްއެވެ. އަދި 6 ޕޮއިންޓާއެކު ގްރޫޕް 2 ގެ އެއްވަނައިގައި މޯލްޑިވްސް އިމިގްރޭޝަން އޮތްއިރު ގްރޫޕް 3 ގެ އެއްވަނަ ސީބީއެމްއިން ހޯދާފައިވަނީ 6 ޕޮއިންޓާއެކުއެވެ. މީގެ އިތުރުން ގްރޫޕް 4 ގެ އެއްވަނަ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 9 ޕޮއިންޓު ހަމަކޮށް ރޯޑް ރެކްރިއޭޝަން ކުލަބުންވަނީ ހޯދާފައެވެ.
މިމުބާރާތުގެ ފިރިހެނުންގެ ޑިވިޝަނުގެ ތާވަލަށް ބަލާއިރު މިވަގުތު އެއްވަނައިގައި އޮތީ 3 ޕޮއިންޓާއެކު އެމްޕީއެލްއެވެ. އެމްޕީއެލްގެ އިތުރުން މިމުބާރާތުގައި ދެން ވާދަކުރާ ފިރިހެން ޓީމުތަކަކަކީ ކުލަބު ވެމްކޯއާއި އެމްއޭސީއެލްގެ އިތުރުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. ކުލަބު ވެމްކޯއަށްވެސް 3 ޕޮއިންޓު ލިބިފަވާއިރު މިހާތަނަށް އެމްއޭސީއެލް އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބަށް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި 16 އަދި 17 ގައި ކުއާޓާ މެޗުތައް ކުޅުމަށްފަހު ސެމީ ތާވަލުކޮށްފަވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. މިމުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 20 ގެ ނިޔަލަށް އިންޑޯ ނެޓްބޯޅަ ކޯޓުގައެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ރެއަކު 07:30 އިން ފެށިގެންނެވެ.