ޚަބަރު

ހުޅަނގު އައްސޭރީގެ ފޭރިގަނެފައިވާ ބިންތަކުގައި ޔަހޫދީން ދިރިއުޅުމަށް އިތުރު 764 ގެ އަޅަނީ


ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީ ވަޒަންވެރިން ދިރިއުޅުމަށް 764 ގެ އެޅުމަށް ޔަހޫދީ ސަރުކާރުން ނިންމައިފިއެވެ.

އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި އަވަށްތައް ހަދައި މީހުން ވަޒަންވެރިވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކުށެކެވެ. ނަމަވެސް 2022ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި 51،370 ގެ އެޅުމުގެ ޙުއްދަ ޔަހޫދީ ސަރުކާރުން ދީފައިވެއެވެ. އެއާއެކު އެ ސަހަރުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަން ދަނީ އިތުރުވަމުންނެވެ.

ހުޅަނގު އައްސޭރީގައި އިތުރު ގެތައް އެޅުމަށް ޔަހޫދީން ޙުއްދަ ދީފައި މި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ވަޒަންވެރިން ދޭ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެކަނި ވެސް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިންގެ ފަރާތުން 264 ޙަމަލާ އަމާޒުވެފައިވެއެވެ. އެއީ މިހާތަނަށް އެއް މަސް ދުވަހުގެ ތެރޭގައި ޙަމަލާ ދީފައިވާ އެންމެ ގިނަ ޢަދަދެވެ.

ހުޅަނގު އައްސޭރީގައި އައު ގެތައް އަޅަން ފެށުމުން އެ ސަރަޙައްދުތަކުގައި ނުތަނަވަސްކަން އިތުރުވެ، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެެއްލޭނެ ކަމަށް ބެލެވެއެވެ. ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދަނީ އިތުރު ގެތައް އެޅުމަށް ނިންމާފައިވާ ނިންމުމަކީ ސަރަޙައްދީ ޞުލްޙައަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނަމުންނެވެ.