ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި


  • ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މޮނިޓަރިންގ އަދި އޮޑިޓް ކުރާ ފަރާތްތައް ހިމެނޭގޮތަށް 47 މީހުން ބައިވެރިވި

  • އިންޓަރނަލް އޮޑިޓެއް ރާވާނެ ގޮތްތަކާއި، އޮޑިޓްގެ މަސައްކަތް ކުރާނެ ގޮތްތައް ކިޔާދިން

ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވި އިންޓަރނަލް އޮޑިޓް ކޮންފަރެންސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ކޮންފަރެންސަކީ ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، އެލްޖީއޭ އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

މިކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލޯކަލް ގަވަރންމެންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ އިންޓަރނަލް އޮޑިޓް ނިޒާމެއްގައި ހުންނަންޖެހޭނެ ހަރުދަނާ އުސޫލުތައް މި ކޮންފަރެންސްގެ ތެރެއިން ހާމަވެގެން ގޮސްފައިވާކަމަށެވެ. އެގޮތުން މި މަސައްކަތަކީ ރާއްޖޭގެ އޮޑިޓްކުރުމުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ހިނގުމުގެ ނިޒާމަކަށް ބަދަލުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަަމަށާއި މިކަމުން ކައުންސިލްތަކުގެ އޮޑިޓިންގ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައުންސިލްތަކުގައި އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އަތުން އެމްޕަވަރ ކުރަން މަސައްކަތް ކުރީ. އަތޮޅު ކައުންސިލް ތެރޭގައި ރަށު ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ފަންކްޝަން އަދާކުރުމަށް ނަމޫނާއެއް ޤާއިމްކުރީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ބައިވެރިން ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ވަނީ އިންޓަރނަލް އޮޑިޓް ކޮންފަރެންސްއެއް ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވިގެން ދިޔުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް، ކޮންފަރެންސްގެ ސަބަބުން މުހިންމު މައުލޫމާތުތަކެއް އެނގިގެން ދިޔަކަން ފާހަގަކުރައްވާފައެވެ.

"ހަޤީގަތުގައި ވަރަށް މުހިންމު މައުލޫމާތުތަކެއް ފާއިތުވި 2 ދުވަހުގެ ތެރޭގައި ލިބިގެންގޮސްފި. އޮޑިޓާއި ގުޅޭ ގޮތުން ކުރިން ނެގޭ ގިނަ އަގުހުރި މައުލޫމާތުތަކެއް ވަނީ ލިބިފައި" ބައިވެރިން ފާހަގަކުރިއެވެ.

ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި މާސްޓަރ ކްލާސްތަކާއި، ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ސެޝަންތަކުގައި އިންޓަރނަލް އޮޑިޓެއް ރާވާނެ ގޮތްތަކާއި، އޮޑިޓްގެ މަސައްކަތް ކުރާނެ ގޮތްތައް ފަދަ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މައުލޫތަކަށް ވަނީ މަޝްވަރާކޮށްފައެވެ. މި ކޮންފަރެންސްގައި ބައިވެރިވި ފަރާއްތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވި އިންޓަރނަލް އޮޑިޓް ކޮންފަރެންސަކީ ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މޮނިޓަރިންގ އަދި އޮޑިޓް ކުރާ ފަރާތްތައް ހިމެނޭގޮތަށް 47 މީހުން ވަނީ ބައިވެރިވެފައެވެ.