ޚަބަރު

ދައުރުވަނީ ކުރީގެ ބިލު، ވެރިފަރާތަށް އަދި ބިލެއް ނުފޮނުވާ


  • ދަޢުރުވާ ބިލްތަކަކީ އެފްޑީސީގެ ނަންމަތީގައިވާ ބިލްތައް

  • 243 ފަރާތުން ރަޖިސްޓްރީކޮށްފި، އަދި ބިލެއް ނުފޮނުވާ

އައު ފްލެޓްތަކުގެ ފެން މީޓަރުތައް ވެރިފަރާތުގެ ނަންމައްޗަށް ބަދަލުކުރުމަށް ފަހުގައި، މިހާތަނަށް އެއްވެސް ބިލެއް ފޮނުވާފައި ނުވާނެކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އަލަށް ހަވާލުކުރި ބައެއް ފްލެޓްތަކުގެ ފެން ބިލު އާދަޔާ ޚިލާފަށް ބޮޑުކަމަށްބުނެ، ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ޙިއްސާކުރަމުންނެވެ. އެގޮތުން 7000 ރުފިޔާ ބިލަށް އަރާފައި އޮތްކަމަށްވެސް މީހަކު ބުނެފައިވެއެވެ.

މިމައްސަލަ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، އެމްޑަބްލިއުއެސްސީންވެސް އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. މި މައްސަލައިގައި ކަން ހިނގާފައިވާގޮތާއި ގުޅޭގޮތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، އަދި އެއްވެސް ގެއެއްގެ ވެރިފަރާތަކަށް އެމްޑަބްލިއުއެސްސީން ބިލްކޮށް، ބިލް ފޮނުވާފައި ނުވާކަމަށެވެ.

މަތީން ވިދާޅުވީ މިހާތަނަށް 243 ފްލެޓެއްގެ ފެން މީޓަރު، އެފްޑީސީގެ ނަންމަތިން ގޭގޭގެ ވެރިންގެ ނަންމައްޗަށް ބަދަލުކޮށްފައިވާކަމަށެވެ.

މީގެތެރެއިން 59 ފްލެޓެއްގެ ބިލަށް 1000 ރުފިޔާއިން މަތިން އަރާފައިވެއެވެ. އަދި 15 ފްލެޓެއްގެ ބިލް 5000 ރުފިޔާއަށްވުރެ މަތިން އަރައެވެ. މަތީން ވިދާޅުވީ، މިހާތަނަށް ހުރި ބިލުތަކަކީ ފަހިދިރިއުޅުން ކޯޕަރޭޝަންގެ ނަންމަތީގައި ހުރި ބިލުތައްކަމަށާއި، އެއީ ގޭގޭގެ ވެރިންގެ ނަންމައްޗަށް ފްލެޓް ބަދަލުކުރި ފަހުން އަރާފައިވާ ބިލްތައް ނޫންކަމަށެވެ.

މަތީން ވިދާޅުވީ މިހާތަނަށް އެއްވެސް ވެރިފަރާތަކަށް އެމްޑަބްލިއުއެސްސީން ބިލްކޮށްފައި ނުވާނެކަމަށެވެ.
އަދި އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަންގައި މީޓަރު ނަންބަރުޖެހުމުން، ފެންނަނީ ކުރީގެ ބިލްތަކެއްކަމަށެވެ. މިއީ ޓަވަރުތަކުގެ މަސައްކަތްތައް ކުރަމުންދިޔައިރު ބޭނުންކޮށްފައިވާ ފެނަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދައްކަންޖެހޭ ބިލްތައްކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލްވެސް ވިދާޅުވީ، ދައުރުވަމުންދާ ބިލުތަކަކީ ފްލެޓްތައް ވެރިފަރާތާ ހަވާލުކުރުމުގެ ކުރީގެ ބިލްތައްކަމަށެވެ.

ކޮންމެ ފްލެޓެއްވެސް ހަވާލުކޮށްފައިވަނީ، ގޭގެ ވެރިން ބައިތިއްބައިގެން ޔުޓިލިޓީގެ ކަންކަން ޗެކްކޮށްފައިކަމަށާއި، އެމީހުންގެ ހާޒިރުގައި މީޓަރުތަކުގެ ފޮޓޯވެސް ނަގާ ޙިއްސާކޮށް، މިފަދަ އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރުކުރުމަށްފަހުގައިކަމަށެވެ.

ޝަކީލް ވިދާޅުވީ ހުރިހާ ކަމެއް ކަށަވަރުކޮށް ތަޅުދަނޑި ހަވާލުކުރުމަށްފަހު ގޭގެ ކަންކަން ބަލަހައްޓާނީ ފްލެޓްތަކުގެ ވެރިންކަމަށެވެ. ބޮޑު މައްސަލައެއް ފާހަގަވާނަމަ ރިޕޯޓްކުރުމަށްވެސް އަންގާފައިވާނެކަމަށް ވިދާޅުވިއެވެ.

މިހުރިހާ ހާލަތަކަށް ރިޢާޔަތްކޮށް، މިހާރު ދަޢުރުވަމުންދާ ބިލުތަކަކީ، ފްލެޓްތަކުގެ ވެރިން ޒިންމާވާން ޖެހޭނެ ބިލްތަކެއް ނޫންކަމަށާއި، މިއީ މަސައްކަތް ކުރަމުންދިޔައިރު ބޭނުންކޮށްފައިވާ ފެނަށް އެފްޑީސީން ޒިންމާވާ ބިލްތަކެއްކަމަށް އެފްޑީސީ އާއި އެމްޑަބްލިއުއެސްސީންވެސްވަނީ ވިދާޅުވެފައެވެ.
މިކަމުގައި އެއްވެސް މީހަކު ކަންބޮޑުނުވުމަށާއި، މައްސަލައެއް ފާހަގަވާނަމަ އެންގުމަށް ވަނީ އެދިފައެވެ.

އެމްޑަބްލިއުއެސްސީންވެސް ވިދާޅުވީ، އެންމެ ކުރިން ހަވާލުކުރި ގެތަކުގައި މިހާރު ރީޑިން ނަގަން ފަށާފައިވާކަމަށާއި، ބިލު ކުރާނީ ވެރިފަރާތާ ތަޅުދަނޑި ހަވާލުކުރި ދުވަހުން ފަށައިގެންކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް ގެއަކަށް، ވެރިފަރާތުގެ ނަންމަތީގައި ބިލް ފޮނުވާފައި ނުވާނެކަމަށެވެ.