ޚަބަރު

މަސްވެރިކަމަށް ވެފައި އޮތް އިހުމާލުތަކަށް، ތަސައްލީ ހޯދައިދެނީ މިސަރުކާރުން: ވަޒީރު ޝިޔާމް


  • މަސްވެރިންގެ ގުންޒަރުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދާނެ

  • ރާއްޖޭގެ 9 އަތޮޅަކުން 40 މަސްވެރިން ގުންޒަރުގައި ބައިވެރިވޭ

މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތައް ދައުރުގެ ކުރީކޮޅު ފުއްދޭނެކަމުގެ ޔަޤީންކަން އޮތް ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ބެއްވި މަސްވެރިންގެ ގުންޒަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މަސްވެރިންގެ ގުންޒަރަކީ، މަސްވެރިކަމުގައި ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައި، ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރުމަށް ބައްވާ ފޯރަމެކެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައެވެ. ވަޒީރު ވަނީ މަސްވެރިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ސަރުކާރު ހަވާލުވިއިރު މި ސިނާޢަތަށް ވަރަށް ގިނަ ގޮންޖެހުންތަށް ހުރިކަން ފާހަގަކޮށް، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތައް ގިނަވީވެސް، ސިނާޢަތުގެ ހާލަތު އޮތް ގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ގިނަ ވަޢުދުތައް އެބަހުރި ސިނާޢަތަށް. ވަޢުދުތަށް ގިނަވީ ސިނާޢަތުގެ ހާލަތު އޮތްގޮތުން. އެމަނިކުފާނު އެގެންދަވަނީ އެ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން. ބައެއް ވަޢުދުތަކަކީ، ކުޑަކޮށް ދުވަސް ނަގާ ކަންތައްތައް. އެއީ މާލީ ގޮތުން އިންތިޒާމުތަކެއް ގެންނަންޖެހޭ ކަންތައްތަކެއް ކަމަށްވާތީ. އަޅުގަނޑުމެންނަށް އޮތް ޔަޤީންކަމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންވި ގާތްގަނޑަކަށް ހުރިހާ ވަޢުދެއްވެސް ފުއްދޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެވެމުން އެބަދޭ" ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންގެ އަޑު އަހައިގެން މަސައްކަތް ކުރުމަކީ ސަރުކާރުން އިސްކަމެއް ދޭކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެމަގުން މަސައްކަތް ކުރުމަށް، މިހާތަނަށް ގިނަ ބައްދަލުވުންތަކެއް ބޭއްވި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޝްވަރާ ހޯދާފައިވެއެވެ.

"މި ގެންދެވޭ ބައްދަލުވުންތަކުގައި ވަރަށް ގިނަ ޚިޔާލުތަކާއި މަޝްވަރާ ލިބޭ. އެކަންކަމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ތަންފީޒުކުރެވޭ ކަންކަން ކަމުގައިވަނީނަމަ އެކަންކަން ތަންފީޒު ކުރެވޭ. އޭގެތެރެއިން ގިނަ ކަންކަން ތަންފީޒު ކުރެވެމުންދާކަން ތިބޭފުޅުންނަށް އެނގިވަޑައިގަންވާނެ. މި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށްވާތީ، ވަގުތު ނަގާ. އަދި ހޭދަ ކުރަން ޖެހޭ ހޭދަކުރުންތައްވެސް އެބަހުރި. " ވަޒީރު ޝީޔާމް ވިދާޅުވިއެވެ.

ދުވާފަރުގައި ކުރިއަށް ގެންދާ މަސްވެރިންގެ ގުންޒަރުގައި ރާއްޖޭގެ 9 އަތޮޅަކުން 40 މަސްވެރިން ބައިވެރިވެފައިވެއެވެ. މި ގުންޒަރުގައި މަސްވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ދެވިގެންދާއިރު، މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތައް މަސްވެރިންނާއި ހިއްސާ ކޮށްދޭނެއެވެ. އަދި މަސްވެރިންނަށް ބޭނުންވާ މަޢުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ.