ޚަބަރު

ފުވައްމުލަކުގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމްކުރަނީ


  • ހަކަތަ ފޯރުކޮށްދޭ ނިޒާމުގައި ސޯލާ ހަކަތައިގެ ބައި އިތުރު ކުރެވޭނެ

  • މިސިސްޓަމްގެ ސަބަބުން ސާފު ހަކަތައިގެ ބޭނުން އިތުރަށް ހިފުމަށް މަގުފަހިވާނެ

  • މިއީ، ކަރަންޓު ނިޒާމު އިތުރަށް ރަގަޅު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެއް

ޏ. ފުވައްމުލަކުގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަސައްކަތަކީ، ރަށުގެ ކަރަންޓު ގްރިޑަށް ދެމިހުންނަނިވި ހަކަތަ ގުޅާލުމަށާއި، ކަރަންޓު ނިޒާމު އިތުރަށް ރަގަޅު ކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ކަރަންޓު ސްޓޭޝަން ހުންނަ ގޯތި ތެރޭގައި ކަމަށެވެ. މި ސްޓޭޝަން އެތަނުގައި ޤާއިމު ކުރުމުގެ ސަބަބުން މި ސިސްޓަމް ފުވައްމުލަކުގެ ކަރަންޓު ގްރިޑަށް ގުޅާލަން ފަސޭހަވެ، ހަކަތަ މެނޭޖު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

2 މެގަވޮޓުގެ މި ބީ.އީ.އެސް.އެސް ސިސްޓަމަކީ، 2 މެގަވޮޓްގެ ސޯލާ ޕީ.ވީ (ފޮޓޯ ވޮލްޓައިކް) ސިސްޓަމްތަކަށް ބާރު ދިނުމަށްޓަކައި ބޭނުން ކުރެވޭނެ ސިސްޓަމެކެވެ. މިކަމުގެ ސަބަބުން ފުވައްމުލަކުގެ ހަކަތަ ފޯރުކޮށްދޭ ނިޒާމުގައި ސޯލާ ހަކަތައިގެ ބައި އިތުރުކޮށް، ސާފު ހަކަތައިގެ ބޭނުން އިތުރަށް ހިފުމަށް މަގުފަހިވާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގައި އައު ދެމިހުންނަނިވި ހަކަތައިގެ މަޝްރޫއުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

18 ރަށެއްގެ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސްއާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރު ވަނީ، ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފައެވެ. މިއީ، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި ސިސްޓަމްތައް 18 ރަށެއްގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، 500 ކިލޯވޮޓް އަވަރއިން ފެށިގެން 3000 ކިލޯވޮޓް އަވަރގެ ބެޓެރީ ސިސްޓަމްތައް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު ކުރުމާއި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމެވެ.

މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތް ކުރެވޭނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.