އޮސްޓްރޭލިޔާގައި ޢުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާ
ކުރަން ނިންމި ނިންމުން ތަންފީޒުކޮށްފިއެވެ.
ޓިކްޓޮކާއި ޔޫޓިއުބާއި އިންސްޓަގްރާމްއާއި ފޭސްބުކް ހިމެނޭ ގޮތަށް ޢާންމުންގެ މެދުގައި އެންމެ މަޤުބޫލު މީސްމީޑިޔާގެ ދިހަ މަންސަ ކުޑަކުދިންނަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އޮސްޓްރޭލިޔާއިން ވަނީ އެ ކުންފުނިތަކަށް އަންގައިފައެވެ. އެ ގޮތަށް ޢަމަލުނުކޮށްފި ނަމަ 33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ސަރުކާރުން ވަނީ ދީފައެވެ. އެ މަންސަތައް ބޭނުންކުރާ ފަރާތްތަކުގެ ޢުމުރު ޔަޤީން ކުރުމަށް ތަފާތު އުކުޅުތައް ބޭނުންކުރަން އެ ކުންފުނިތަކަށް ވަނީ އަންގައިފައެވެ.
އޮސްޓްރޭލިޔާގެ ސަރުކާރުން ބުނީ ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމަށް ނިންނީ އިންޓަނެޓުގެ ޒަރިއްޔާއިން ހުށަހެޅޭ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމަށް ކަމަށެވެ. އެ ޤައުމުގެ ބެލެނިވެރިންނާއި ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ސަރުކާރުގެ ނިންމުން ބަލައިގަނެ އެ ކަމަށް މަރުޙަބާ ކިޔައިފައެވެ. ނަމަވެސް ޓެކްނޮލޮޖީ ކުންފުނިތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ދަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އޮސްޓްރޭޭލިޔާގެ މި ނިންމުން ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. އެ ގޮތުން ޢުމުރު ޔަޤީންކުރުމަކީ ފަސޭހަ ކަމަށް ނުވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފޭކު އައިޑީއާއި ވީޕީއެން ބޭނުންކޮށްގެން އުމުރު އޮޅުވާލުމަކީ އުނދަގޫ ކަމަށް ނުވާނެ ކަމަށާއި މީސްމީޑިޔާގެ ތަފާތު އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިންނަށް އަދިވެސް މީސްމީޑިޔާ ބޭނުންކުރެވިދާނެ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އޮސްޓްރޭލިޔާގެ މި ނިންމުމާއެކު އެ ޤައުމުން ކުރާ ތަޖުރިބާއާއި ހޯދާ ކާމިޔާބީގެ މައްޗަށް ބަލައި، އެހެން ޤައުމުތަކުން ވެސް މި ފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވެއެވެ. އެ ގޮތުން ޑެންމާކްއާއި ނިއުޒީލެންޑާއި މެލޭޝިޔާއިން މި ފަދަ ފިޔަވަޅެއް އެޅުމަށް ޝައުޤުވެރިވާ ކަމަށް އެނގިފައިވެއެވެ.