ޚަބަރު

މަސްވެރިންގެ ދުވަސް، މަސްވެރިންނަށް ކުލަ ގަދަ ޢީދަކަށް ވާނެ: ވަޒީރު ޝިޔާމް


  • މަސްވެރިންގެ ދުވަހަށް ދުވާފަރު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި

މިއަހަރު ފާހަގަ ކުރާ މަސްވެރިންގެ ދުވަސްވާނީ މަސްވެރިންނަށް ކުލަގަދަ ޢީދަކަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޢަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިއަހަރު މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރަނީ ރ. ދުވާފަރުގައިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރަނީ ރ. ދުވާފަރުގައެވެ. މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާއިރު، މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިވަނީ ރ. ދުވާފަރަށް ވަޑައިގެންފައެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިހަރަކާތްތައް ދުވާފަރުގައި ބާއްވަނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކަމަށެވެ. ވަޒީރު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ޖަލްސާ ވެގެންދާނީ ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުން އެންމެ ގިނައިން ބައިވެރިވާ އެއްޖަލްސާއަށް ކަމަށެވެ.

"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުން މަސްވެރިންގެ ދުވަހު މިކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ވަކިން ޚާއްސަކޮށް ގުންޒަރާއި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ. އޭގެ އިތުރަށް ވަރަށް ގިނަ ޑިޕްލޮމެޓުން އެބަ ބައިވެރިވެވަޑައިގަންނަވާ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހެއްގައި އެންމެ ގިނަ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާ ނުވަތަ ރަސްމިއްޔާތަށް މި ރަސްމިއްޔާތު ވެގެންދާނެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ. ކުންފުނިތަކާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ. ދުވާފަރުގެ ރައްޔިތުންނާއި ދުވާފަރުގެ މަސްވެރިންވެސް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ހަރަކާތްތައް ބާއްވާ" ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައި 3 ދުވަހުގެ މުއްދަތަށް ބަހާލައިގެން ދުވާފަރުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ ހަރަކާތްތައް:

* މަސްވެރިންގެ ގުންޒަރު - ޑިސެންބަރު 10 އިން 11 އަށް
* މަސްވެރިކަމުގެ ޕްރޮމޯޝަނަލް ކުންފުނިން ބާއްވާ ކާބޯތަކެތީގެ މަޢުރަޒު - ޑިސެންބަރު 11 އިން 13 އަށް
* މަސް ރޭސް - 12 ޑިސެންބަރުގައި
* ކުޑަކުދިންގެ ހަވީރު - 12 ޑިސެންބަރުގައި
* މަސް ކެނޑުމުގެ މުބާރާތް - 12 ޑިސެންބަރުގައި
* ރަހަވަރު ކެއްކުމުގެ މުބާރާތް - 13 ޑިސެންބަރުގައި
* މަސްވެރިންގެ ދުވަހުގެ ޖަލްސާ - 13 ޑިސެންބަރުގައި

މި ހަރަކާތްތަކާއެކު މަސްވެރިންގެ ދުވަސް 3 ދުވަހަށް ދެމިގެންދާނެ ކަމަށެވެ. މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މިހަރަކާތްތަކާއެކު މިއަހަރުގެ މަސްވެރިންގެ ދުވަހަކީ މަސްވެރިންނަށް ކުލަ ގަދަ ޢީދަކަށް ވެގެންދާނެ ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް މިކަންކަން ކުރިއަށް މި ގެންދެވެނީ. ޚާއްސަކޮށް މިދުވަހަށް ތައްޔާރުވުމަށް މިކުރެވޭ މަސައްކަތްތަކަކީ ވަރަށް ބުރަ އަދި ވަރަށް ބޮޑު މަސައްކަތްތަކެއް. ދުވާފަރު ދާއިރާގެ މެންބަރުގެ އިތުރުން ދުވާފަރު ކައުންސިލާއި ދުވާފަރު ރައްޔިތުން، މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން އެބަދެއްވާ. އިރާދަ ކުރެއްވިއްޔާ މަސްވެރިންނަށް ވަރަށް ކުލަގަދަ ޢީދަކަށް މިއަހަރުގެ މަސްވެރިންގެ ދުވަސް ވެގެންދާނެ." މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޤައުމީ ފެންވަރެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރު މިފާހަގަކުރަނީ 45 ވަނަ މަސްވެރިންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މި ސިނާޢަތުގައި ހަރަކާތްވެރިވާ މަސްވެރިންނަށް ހިތްވަރު ދިނުމަށެވެ.