ޚަބަރު

ޢާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް ނިންމާލައިފި


  • ވިލާ ނޯޓިކާގައި ބޭއްވި މިކޮންފަރެންސް ކުރިއަށް ދިޔައީ 2 ދުވަހުގެ މުއްދަތަށް

  • ބިދޭސީންނަށް ސިއްޙީ ފަރުވާ ދިނުމަށް ހުރި ހުރަސްތަކާއި ގުޅޭގޮތުން މަޝްވަރާކުރި

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ޞިއްޙީ ފަރުވާ ދިނުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ޢާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް ނިންމާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ އާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް ފެށީ، މިމަހުގެ 8ގައެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ ތެރެއިން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެފަދަ ކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.

މިއަހަރުގެ މި ކޮންފަރެންސްގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން މާލެއާއި އަތޮޅުތެރޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން 50 އެއްހާ ބައިވެރިން މި ކޮންފަރެންސްގައި ބައިވެރިވެފަައިވެއެވެ. އެއާއެކު ޖުމްލަ 100 އަށްވުރެ ގިނަ ބައިވެރިން މިކޮންފަރެންސްގައި ބައިވެރިވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ކޮންފަރެންސްގެ ތެރެއިން، ބިދޭސީންގެ ޞިއްޙަތާބެހޭ ޤައުމީ ސިޔާސަތު ތަންފީޒު ކުރުމަށް ކުރިމަތިވާ ހިރާސްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅޭގޮތުންވެސް ޢިލްމީ މަޝްވަރާކޮށް، މިކަމުގައި މުވައްސަސާތަކާއި ގުޅިގެން އިސްތިރާޖީ ގޮތެއްގައި ގެނެވިދާނެ ހައްލުތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ، އައު ދެ ވެކްސިނެއްވެސް އިފްތިތާޙްކޮށްދެއްވާފައެވެ. އެގޮތުން ރާއްޖޭގެ މާކެޓަށް "ނިއުމަ ކޯކަލް" އަދި "ރޯޓާ ވައިރަސް" ވެކްސިން ވަނީ އިފްތިތާޙްކޮށްފައެވެ. މި ވެކްސިންތައް މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މާކެޓުން ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިކޮންފަރެންސްއަކީ، އިންޓަރނޭޝަނަލް އޮފީސް އޮފް މައިގްރޭޝަން އައި.އޯ.އެމްއާއި، ސާރކް ޑިވެލޮޕްމަންޓް ފަންޑު އަދި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އެހީގައި ކުރިއަށް ގެންދިޔަ ކޮންފަރެންސްއެކެވެ.