ޚަބަރު

ތޫފާނުގެ ސަބަބުން ލަންކާގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، ފަޤީރުކަން އިތުރުވާނެ


ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދުނު ބާރުގަދަ ތޫފާން، ދީތުވާގެ ސަބަބުން ސްރީ ލަންކާގެ މައި ސިނާއަތްތަކަށް ލިބިފައިވާ ގެއްލުންތަކާއެކު އިޤްތިޞާދު ކޮޅަށްޖެހުމަށް ކުރަމުން އައި މަސައްކަތްތައް މަޑުޖެހި، ފަޤީރުންގެ ނިސްބަތް އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް އެ ޤައުމުގެ ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގެ ސަރަޙައްދުތަކަށް ދިތުވާ އަރާފައި ވަނީ ނޮވެންބަރު 28ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 635 އަށް އަރާފައިވާއިރު، ތޫފާނާ ގުޅިގެން ސްރީ ލަންކާގެ އާބާދީގެ 10 އިންސައްތަ މީހުންނަށް އަސަރު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރެއެވެ. އެ ގެއްލުންތަކުން އަރައިގަންނަން ހަތް ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އޮފިޝަލުން ލަފާކުރައްވައެވެ.

މީގެ ތިން އަހަރު ކުރިން، ސްރީ ލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާގެ ސަބަބުން، 22 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ފަޤީރުންގެ ނިސްބަތް 22 ޕަސެންޓަށް އުފުލުނެވެ. ނަމަވެސް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ދިން 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީ އާއެކު، މި އަހަރު އިޤްތިޞާދީ ކުރިއެރުން ހުރީ 4.5 އިންސައްތައިގައެވެ. ނަމަވެސް، ތޫފާނުގެ ސަބަބުން އަންނަ އަހަރުގެ އިޤްތިޞާދީ ކުރިއެރުން ތިން އިންސައްތައަށް މަޑުޖެހެނޭކަމަށް ކަމާގުޅޭ މާހިރުން ވަނީ ލަފާކުރައްވައިފައެވެ.

ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ސްރީ ލަންކާގެ ސަރުކާރުން ވަނީ 200 މިލިއަން އެމެރިކާ ޑޮލަރު ހޯދަން އައިއެމްއެފްގައި އެދިފައެވެ.