ޖަޕާނުގެ އިރު އުތުރު އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން 90،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އަންގައިފިއެވެ.
ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު ޖަޕާނު ގަޑިން ރޭގަނޑު 11.15ގައި އައި ބިންހެލުން އުފެދިފައި ވަނީ އެ ޤައުމުގެ އައޮމޮރީގެ 80 ކިލޯމީޓަރު ބޭރުން، ބިމުގެ ސަތަހައިން ފެށިގެން 54 ކިލޯމީޓަރު ފުނުންނެވެ. ރިކްޓަރ މިންގަނޑުން 7.5ގައި އައި މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އެގޮތުން 3 މީޓަރުގެ ބިޔަ ރާޅު އުފެދިދާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. ނަމަވެސް ސުނާމީއެއްގެ ނުރައްކާ ކުޑަކަމަށް ނިންމައި އެ އިންޒާރު ފަހުން އުވާލައި، ސުނާމީއެއް އަރާފާނެ ފަދަ ޙާލަތަކަށް ތައްޔާރަށް ތިބުމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ސުނާމީގެ އިންޒާރު ކުރިން ދީފައިވާ ތިން ސަރަޙައްދު ކަމަށްވާ ހޮއްކައިޑޯއާއި އައޮމޮރީއާއި އިވައްތޭގެ ބައެއް ސަރަޙައްދުތަކަށް 20 ސެންޓިމީޓަރާއި 79 ސެންޓިމީޓަރާ ދެމެދުގެ ރާޅު އަރާފައިވެއެވެ.
ބިންހެލުުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ މާ ބޮޑު ތަފްޞީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް މީހުންނަށް އަނިޔާވެ ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށް ޖަޕާނުގެ ނޫސްތަކުން ބުނެއެވެ. ބިންހެލުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ރޭލުގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އަދި ބައެއް ސަރަަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ ކެނޑިފައެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައެއް ސަރަޙައްދުތަކަށް އިތުރު ބިންހެލުންތައް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ.