ޚަބަރު

ޔުވެންޓަސް ބަލިކޮށް ނަޕޮލީ އެއްވަނަ އަށް


އިޓާލިއަން ސެރިއާ ގައި ރޭ ޔުވެންޓަސް އާއި ދެކޮޅަށް ނަޕޮލީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނަޕޮލީ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.

ނަޕޮލީގެ ޑިއެގޯ އާމަންޑޯ މެރެޑޯނާ ސްޓޭޑިއަމްގައި ފަންސާސް ތިން ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ނަޕޮލީގެ ރަސްމުސް ހޮއިލަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ހޮއިލަންޑް އަކީ މެންޗެސްޓަރ ޔުނައިޓެޑް އިން ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޮލީ އަށް ދޫކޮށްފައިވާ ކުޅުންތެރިއެކެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި ޔުވެންޓަސްގެ ކިއެނާން ޔިލްޑިޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނަޕޮލީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި ހޮއިލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ނަޕޮލީ އަށް ވަނީ ސެރިއާގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް 30 ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސް އަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ.