ޚަބަރު

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ ދެމައްސަލައެއް


2022ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ކީތު ކެލޮގް ވިދާޅުވެއްޖެއެވެ.

ކެލޮގް ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް އައުމަށް ޙައްލު ހޯދަން ޖެހެނީ މައިގަނޑު ދެ މައްސަލައަކަށް ކަމަށެވެ. އެއީ ދޮންބާސް ސަރަޙައްދުގެ ކުރިމަގާ ގުޅޭގޮތުންނާއި ވިލާތުގެ އެންމެ ބޮޑު ނިއުކްލިޔަރ މަރުކަޒު ކަމަށްވާ ޒަޕޯރީޖާ ނިއުކްލިޔަރ މަރުކަޒަށް ވާނެ ގޮތަކާ ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިއުކްލިޔަރ މަރުކަޒު މި ވަގުތު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ކެލޮގް ވިދާޅުވީ މި ދެ މައްސަލައަށް ޙައްލެއް ހޯދުމުން އެއްބަސްވުމަކައިގެން ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން ބޮޑު ކަމަށެވެ.

ކެލޮގް ވަނީ ހަނގުރާމައިގައި ޔޫކްރެއިންއާއި ރަޝިޔާއާ ދެ ޤައުމުން ދެ މިލިޔަނަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައި ނުވަތަ މަރުވެފައިވާ ކަމަށް ވިދާޅުވެ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ދޮންބާސްއާއި ޚަރްސޯންއާއި ޒަޕޯރީޖާގެ ބޮޑު ބަޔަކާއި ކްރައިމިޔާ ހިމެނޭ ގޮތަށް ޔޫކްރެއިންގެ 19.2 އިންސައްތަ އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށް ގާތްވެފައިވާ ކަމަށް ކެލޮގް ވިދާޅުވި ނަމަވެސް ރަޝިޔާއިން ދަނީ އެ އެއްބަސްވުން އެކުލަވައިލުމުގައި ހުށަހަޅާަފައިވާ ނުކުތާތަކަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށް ބުނަމުންނެވެ.