ޔޫކްރެއިންގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގި ކަމުގައި ތުހުމަތުކޮށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހައްޔަރު ކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ)ން ނެރެފައިވާ އަމުރު ބާޠިލު ކުރެވޭނީ އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުގެ ޤަރާރަކުން ކަމުގައި އައިސީސީގެ ޕްރޮސިކިއުޓަރުން ބުނެފިއެވެ. މި ކަން ހާމަކުރައްވާފައި ވަނީ އައިސީސީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރުން ކަމުގައިވާ ސެނެގާލުގެ މާމް މާންދްޔާޔޭ ޏިޔާންގް އަދި ފީޖީގެ ނުޛްހަތު ޝަމީމް ޚާންއެވެ.
ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމުގައި ތުހުމަތުކޮށް ޕުޓިންގެ އިތުރުން ރަޝިޔާގެ އިތުރު ފަސް އޮފިޝަލަކު ހައްޔަރު ކުރުމަށް އައިސީސީން އަމުރު ކޮށްފައިވެއެވެ. އެ ބޭފުޅުންނާ ދެކޮޅަށް ނެރެފައިވާ އަމުރު ބާޠިލު ކުރެވޭނީ އދގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ޤަރާރެއްގެ ދަށުން ކަމުގައި އައިސީސީގެ ޕްރޮސިކިއުޓަރުން ބުނެފައި މި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާއިން އިސްނަގައިގެން އެ ދެ ޤައުމާ އެކު ސުލްޙައިގެ މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޏިޔާންގާއި ޚާން ވިދާޅުވީ، މަޝްވަރާތަކުގެ ތެރެއިން ޕުޓިންއާއި ރަޝިޔާގެ އޮފިޝަލުން ހަނގުރާމައިގެ ކުށްތަކުން ބަރިއްޔަވާނެ ކަމުގައި ނިންމި ނަމަވެސް، އެ ބޭފުޅުންނާ ދެކޮޅަށް އައިސީސީން ނެރެފައި އޮތް އަމުރު ދެމިއޮންނާނެ ކަމުގައެވެ. ރަޝިޔާއިން ދަނީ އައިސީސީގެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. ޕުޓިންގެ އިތުރުން ހައްޔަރު ކުރުމަށް އައިސީސީން އަމުރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ރަޝިޔާގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ ރަޝިޔާގެ ކޮމިޝަނަރު މާރިޔާ ލްވޯވާ-ބެލޯވާ އަދި ކުރީގެ ދިފާޢީ ވަޒީރު ސެރްގިޔޭ ޝޮއިގޫ އަދި އަސްކަރިއްޔާގެ އިސް ޖެނެރަލް ވަލޭރީ ގެރާސިމޮފް ހިމެނި ވަޑައިގަންނަވައެވެ.