ކުޅިވަރު

ދެވަނަ ބުރަށް ވިކްޓްރީއިން ނުކުންނާނީ މިހާރަށްވުރެ ގަދަކޮށް: ލައްޗޭ


ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އީގަލްސްއާއި ދެކޮޅަށް ނުކުތީ ޕޮއިންޓަކަށް އަމާޒުކޮށްގެންކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހިއްޖެކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އެސިސްޓެންޓް ކޯޗު އާދަމް ޢަބްދުއްލަޠީފް (ލައްޗޭ) ބުނެފިއެވެ.

އެ މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ލަޠީފް ބުނީ ޓީމުގެ ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފިކަމަށެވެ. މެޗަށް ނުކުތީ ޕޮއިންޓަކަށް އަމާޒުކޮށްގެންކަމަށްވާއިރު އެއަމާޒަށް ވާސިލްވެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުންކަމަށް އޭނާ ފާހަގަކޮށްފަވެއެވެ.

"މިއަދުގެ މެޗުގަ އައީ ޕޮއިންޓު ހޯދަން އިރާދަކުރެއްވިއްޔާ. ޕޮއިންޓު ހޯދަން ކުދިން ވަރަށް ބުރަ މަސައްކަތްކޮށްފި" ލަޠީފް ބުންޏެވެ.

މިމެޗުގެ ކުރީކޮޅު ވިކްޓަރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެ ލަނޑަކީ ޓީމުގެ ކޮންފިޑެންސް ބިލްޑްވެގެން ދިޔަ ލަނޑެއްކަމަށް ލަޠީފް ސިފަކޮށްފަވާއިރު އޭނާ ބުނީ މެޗުގެ ވަކި ހިސާބަކުން އެއްވަރެއްގަ ކުޅުން ނުހިފެހެއްޓުމުން މެޗުގެ ނަތީޖާ ހަމަހަމަވީކަމަށެވެ. ޓީމު އޮތީ ވަރަށް ޕޮޒިޓިވްކޮށްކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވެ ޓީމެއްގެ ގޮތުގައި އެއްކޮށް ފަރިތަކުރަމުން އަންނަކަމަށް އޭނާ ބުނެފަވެއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގަ ޓީމު އޮތީ ވަރަށް ޕޮޒިޓިވްކޮށް. އަދި ޓީމު އެއްކޮށް އަދި ކިރިޔާ މި ޓްރެއިންކުރަން ފުރުސަތުވެސް ލިބުނީ. އެހެންވީމަ މިއަދުގެ މެޗަކީ ކުދިންގެ ބުރަ މަސައްކަތުން ލިބުނު ޕޮއިންޓެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރައުންޑްގަ ދެން ނުކުންނާނީ މިއަށްވުރެ ގަދަކޮށް" ލަޠީފް ބުނެފަވެއެވެ.

އީގަލްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ވިކްޓްރީން މޮޅު ކުޅުމެއްދައްކާ ލީޑު ނަގާފަވަނިކޮށް ފަހަތުން އަރާ އީގަލްސްއިންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލަޠީފް ބުނީ މިހެން ދިމާވި މައިގަނޑު ސަބަބަކީ ދަނޑުގެ ވިނަގަނޑު ތެއްވެފައިވުމުން ކުޅުންތެރިންނަށް އެއްވަރެއްގައި ހިފަހައްޓާލުމަށް ދަތިވުންކަމަށެވެ.

"އެހެންވީމާ ވާގޮތަކީ ވެޓް ޕިޗެއްގަ ބޯޅަ ހިފައިގެން ދުވަން ހަދައިފިއްޔާ ވާނީ ބޮޑަށް ގެއްލުން. އޭގެ ބަދަލުގަ ލިބޭ ބޯޅަ ޖަހާ ޕާސްކުރުން މި އިންނަނީ. ދެން އެހެންވިޔަސް އަހަރުމެންނަށް މެއިންޓެއިން ނުކުރެވިގެން އީގަލްސްއިން ދެ ގޯލު ޖެހީ" ލަޠީފް ބުންޏެވެ.

މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމުނުކަމަށްވިޔަސް ޓީމުގެ ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭކަމަށް އޭނާ ބުންޏެވެ. ކުރިއަށް އޮތްތަނުގައި ޓީމުން ތަފާތެއް ދައްކާނެކަމަށާއި އެއް ބުރަށްވުރެ އަނެއް ބުރެއްގައި ޓީމުގެ ފެންވަރު ދާނީ މަތިވަމުންކަމަށް އޭނާ ބުންޏެވެ. ޓީމާއި އިތުރު ކުޅުންތެރިން ކުރިއަށް އޮތްތަނުގައި ގުޅޭނެކަމަށާއި އެއީ ޓީމަށް ލިބިގެންދާނެ އިތުރު ބާރަކަށްވާނެކަމަށް ލަޠީފް ބުނެފަވެއެވެ.

"މިމުބާރާތުގަ މި ކުޅެނީ ޕޮޒިޓިވް ސައިން ހޯދަން. އެހެންވެއްޖިއްޔާ އިރާދަކުރެއްވިއްޔާ ދެވަނަ ބުރުގަ ހަމަ ވިކްޓްރީ ސްޕޯޓްސް ކުލަބު ރަނގަޅު ކާމިޔާބީއެއް ހޯދާނެ" ލަޠީފް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގަ ވިކްޓްރީ އޮތީ އީގަލްސްއަށްވުރެ ތިން ޕޮއިންޓު މަދުން ތާވަލުގެ 6 ވަނައިގައެވެ. ވިކްޓަރީއަށް ފުރަތަމަ ބުރު ނިންމާލިއިރު ހޯދިފަވަނީ 10 ޕޮއިންޓެވެ.