ކުޅިވަރު

ކުޅުންތެރިންގެ ހިތްވަރާއެކު ޓީމު ދަނީ ކުރިއަރަމުން: ހަނީފް


ކުޅުންތެރިންގެ ހިތްވަރާއެކު ޓީމުދަނީ ކުރިއަރަމުންކަމަށާއި ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭކަމަށް އީގަލްސްގެ އެސިސްޓެންޓް ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއް ގައި ހަނީފް ބުނީ ސީޒަން ފެށުނުކޮޅު އީގަލްސްއިން ނެރުނު ނަތީޖާތައް މިހާރު ބަދަލުވެއްޖެކަމަށާއި އޭނާ ޓީމާއި ހަވާލުވުމަށްފަހު ޓީމުން ދައްކަމުންދާ ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. އޭނާ ހަވާލުވުމަށްފަހު ޓީމަށް ލިބުނު 12 ޕޮއިންޓާއެކު ކުޅުންތެރިންގެ ހިތްވަރު އިތުރަށް އާލާވެއްޖެކަމަށް އޭނާ ސިފަކުރިއެވެ.

"ގާތްގަނޑަކަށް 12 ޕޮއިންޓު ހަވާލުވިފަހުން ލިބިއްޖެ. އެހެންވީމާ ނަތީޖާއާއި ގުޅޭގޮތުން ބުނަންޖެހޭނީ މީގަ ހިތްހަމަނުޖެހެންޖެހޭ ސަބަބެއް ނެތޭ. ހިތްހަމަޖެހެންވާނެ، ކޮންމެ ގޮތެއްވިޔަސް ޓީމު އޮތް ހާލަތަކީ އައި އިރު ނާޒުކު ހާލަތެއް. ކުޅުންތެރިން ވަރަށް ބޮޑަށް އެފަޓް ލައިގެން މިހިސާބަށް މިއޮތީ އައިއްސަ" ހަނީފް ބުނެފަވެއެވެ.

ލީގުގެ ފުރަތަމަ ބުރު ނިމި ޓްރާސްފަރ ބާޒާރު ހުޅުވިފަވާއިރު އެކަމަށް އިޝާރާތްކޮށް ހަނީފް ބުނީ ޓްރާންސްފަރގެ ބޭނުމަކީ ޓީމަށް ބަދަލުތަކެއް ގެނައުންކަމަށްވާއިރު އެ ބަދަލު ގެންނަން ކޮންމެ ޓީމަކުންވެސް ވިސްނަމުންދާނެކަމަށެވެ. އީގަލްސްއަށްވެސް އިތުރު ކުޅުންތެރިން ބޭނުންކަމަށް ފާހަގަކުރަމުން އޭނާބުނީ އެކަމަށް ގޮތެއް ނިންމާނީ ޓީމުގެ މެނޭޖްމަންޓުންކަމަށެވެ.

"އަޅުގަނޑު ހަމަ ޔަގީނުންވެސް ކުޅުންތެރިން ބޭނުންވޭ. މިހާރު އަސްލު ބުނަންޏާ ބެންޗެއް ނެތް ރަނގަޅު. ވަރަށް ޒުވާން ކުޅުންތެރިންތަކެއް މިތިބީ. ޓްރާންސްފަރގަ ކުޅުންތެރިން ބޭނުން. ގޮތެއް ނިންމާނީ މެނޭޖްމަންޓުން" ހަނީފް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލަށް ބަލާއިރު ކުޅުނު 9 މެޗުގެ ތެރެއިން އީގަލްސްވަނީ 3 މެޗު ކާމިޔާބުކޮށް، 2 މެޗުން ބަލިވެފަވެއެވެ. އަދި 4 މެޗުން އެއްވަރުވެފަވާއިރު ލިބުނު 13 ޕޮއިންޓާއެކު ފުރަތަމަ ބުރު ނިންމާލީ ފަސްވަނައިގައެވެ.