ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި ކެނެޑާއިން ކަނޑައަޅާފައިވާ ޖަމާޢަތްތަކުގެ ލިސްޓުން ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އުނިކޮށްފިއެވެ.
ކެނެޑާ ސަރުކާރުން ބުނީ، ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފައި ވަނީ، ސޫރިޔާގެ އަހުލީހަނގުރާމައަށް ފަހު އެ ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މަގުކޮށައިދިނުމުގެ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކާ ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
އެޗްޓީއެސަކީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ނިރުބަވެރި ޖަމާޢަތެކެވެ. ބަޣާވާތެއްކޮށް، އެޗްޓީއެސުން އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެއަށް ފަހު، ސޫރިޔާގައި އެޗްޓީއެސުން ޤާއިމު ކޮށްފައިވާ އައު ސަރުކާރުގެ ރައީސް ކަމުގެ މަޤާމު ފުރަނީ، އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.
އެޗްޓީއެސަކީ ކުރިން އަލް-ނުޞްރާ ފްރަންޓުގެ ނަމުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަމާޢަތެކެވެ. އެއީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާއާ ގުޅުން އޮތް ގުރޫޕެކެވެ. ނަމަވެސް، 2016ވަނަ އަހަރު އަލް-ނުޞްރާ ފްރަންޓުން ވަނީ އަލް-ޤާޢިދާއާ ފެޔަށް ޖެހި، ގުޅުން ކަނޑައިލާފައެވެ.