އިންޑިޔާގައި އެންމެ ގިނައިން ކައިވެނި ހަފްލާތައް ބާއްވާ ދުވަސްވަރުގައި، އެ ޤަ
އުމުގެ މައި އެއަރލައިނެއް ކަމަށްވާ އިންޑިގޯގެ ގިނަ ޢަދަދެއްގެ ފްލައިޓުތައް ކެންސަލްވެ، ގިނަ ޢަދަދެއްގެ މީހުންނަށް ހަފްލާތަކަށް ހާޒިރުނުވެވި ވައިގެ ބަނދަރުތަކުގައި ދަނީ ތާށިވަމުންނެވެ.
އިންޑިޔާގެ ސަރުކާރުން ޕައިލެޓުން މަސައްކަތް ކުރާ ގަޑިތަކަށް ގެނެސްފައިވާ ހަރުކަށި ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ފުރިހަމައަށް ތައްޔާރު ނުވެވުމުގެ ސަބަބުން އިންޑިގޯގެ ފްލައިޓުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ 60 އިންސައްތަ ޙިއްޞާ ކުރަނީ އެ އެއަރލައިިނުންނެވެ. އެއާއެކު އެތައް ހާސް ދަތުރެއް ކެންސަލް ކުރުމަށް އެ އެއަރލައިންއަށް ވަނީ މަޖުބޫރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް އިންޑިގޯއިން ވަނީ 1،000އަށްވުރެ ގިނަ ދަތުރު ކެންސަލްކޮށްފައެވެ.
މި ޙާލަތުގައި ކައިވެނި ހަފްލާތަކަށް ވެސް ބޮޑެތި އަސަރުތައް ދަނީ ކުރަމުންނެވެ. އިންޑިޔާގެ ކައިވެނި ވިޔަފާރިއަކީ 130 ބިލިޔަން ޑޮލަރުގެ ބިޔަ ސިނާޢަތެކެވެ. އެތައް ދުވަހަކަށް ދެމިގެންދާ މި ހަފްލާތަކަށް އެ ޤައުމުގައި ޢާއިލާތަކުން ބޮޑެތި ޢަދަދުތަކުން ޚަރަދުކުރެއެވެ.
ފްލައިޓް ކެންސަލްވުމުގެ ސަބަބުން އަލަށް ކައިވެނި ކުރި ދެ މީހަަކަށް އެ މީހުންގެ އަމިއްލަ ކައިވެނި ހަފްލާއަށް ނުދެވި އިންޓަނެޓު މެދުވެރިކޮށް ހަފްލާގައި ބައިވެރިވާން މަޖުބޫރުވިއެވެ. އެއް ޢާއިލާއިން ވަނީ އަގުބޮޑުކޮށް ފްލައިޓެއް ޗާޓަރުކޮށް ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު ދަތުރުކޮށްފައެވެ. އިންޑިޔާގެ އެކި ކަންކޮޅުތަކުން ހަފްލާތަކަށް މީހުން ދަތުރުކުރާއިރު، ވަރަށް ދުރާލާ ތާރީޚު ހަމަޖައްސައި ތައްޔާރުވެފައިވާ ކައިވެނި ހަފްލާތައް ވެސް ފަހު ވަގުތު އެހެން ތާރީޚަކަށް ބަދަލުކުރަން ދަނީ މަޖުބޫރުވަމުންނެވެ.
ނުފުރި ވައިގެ ބަނދަރުތަކުގައި ތާށިވި މީހުންގެ ތެރޭގައި އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ސިންގަޕޫރުގެ ހައި ކޮމިޝަނަރު، ސިމޯން ވޮންގ ވެސް ހިމެނިވަޑައިގަންނަވައެވެ. އިންޑިގޯގެ މަތިންދާ ބޯޓެއްގައި އޭނާ ވެސް ދަތުރުކުރައްވަން ހަމަޖެހިފައި އޮތީ އެކުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ކައިވެނި ހަފްލާއަކަށެވެ. ދަތުރު ކެންސަލްވުުމުން އޭނާ ވެސް ބަނީ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އިންޑިގޯއިން ވަނީ ކުރިމަތިވެފައިވާ ޙާލަތަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.