ފުވައްމުލަކަކީ، ރާއްޖޭގެ އެހެން އަތޮޅުތަކާއި ޚިލާފަށް އެއްފަސްގަނޑަކަށް ހިކިފައި އޮންނަ ހަމައެކަނި އަތޮޅެވެ. ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް ފުވައްމުލަކަށް ލިބިފައިވާ ޚާއްސަ ކަންތައްތަކުގެ ތެރެއިން ފުވައްމުލަކުގެ ކައްޓެޅީގެ މަސްވެރިކަމަކީ، ފާހަގަކޮށްލެވޭ ތަފާތު ކަމެކެވެ.
ކައްޓެޅީގެ މަސްވެރިކަމަކީ، ފުވައްމުލަކުގައި ޚާއްސަ ދަރަޖައެއް ދީފައިވާ މިރަށުގެ ރައްޔިތުންނަށް ވަރަށް ޚާއްސަ ކަމެކެވެ. ކައްޓެޅިއަކީ، ތޮޅި ކަހަލަ މަހެކެވެ. ނަމަވެސް ތޮޅި އަށްވުރެ ކައްޓެޅި ކުރުވެފައި ފަލައެވެ. މި މަސް ހުންނަނީ، ތޫނު ދިގު ދަތްތަކެއްލާފައެވެ. މިއީ، އަޅި ކުލައިގެ މަހެކެވެ.
ކައްޓެޅީގެ މަސްވެރިކަމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިރަށުގައި ކައްޓެޅީގެ މަސްވެރިކަން ކުރާ ޢަބްދުﷲ މުފީދު ބުނީ، ރާއްޖެއިން ދެ ވައްތަރެއްގެ ކައްޓެލި ފެންނަ ކަމަށެވެ. ކަނޑު އަޑީގެ 350 މީޓަރު އަޑިން ބާނާ ކައްޓެޅިއަކީ، އައިނު އައިނަށް އުޅޭ މަސްތަކެއް ކަމަށެވެ.
ބުނެވޭ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކައްޓެޅި އުޅެއެވެ. ނަމަވެސް ފުވައްމުލަކަށް މިއީ ޚާއްސަ މަހެއްކަން މުފީދު ފާހަގަކުރިއެވެ.
"އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެވެސް ބާނާ އެއްޗަކަށްވެފަ ކޮންމެވެސް އާދަޔާ ޚިލާފު ރަހަތަކެއް ލިބިގެންވާ އެއްޗެއް އެއީ. ބޮޑު ކަންނެއްޔެއް 300 ރުފިޔާއަށް ލިބޭއިރުގަވެސް 2 ފޫޓު ކައްޓޮޅިއެއް އެބަގަނޭ 800 ރުފިޔާއަށް. ކޮންމެވެސް އޭގަ ތަފާތެއް ހުރީމަތާ މީހުން އެހާ ޝައުޤުވެރިވާނީ." މުފީދު ބުންޏެވެ.
ބުނެވޭ ގޮތުގައި ފުވައްމުލަކު ވަށައިގެން ހުރިހާ ހިސާބެއްގައިވެސް ކައްޓެޅި އުޅެއެވެ. ރޭގަނޑުގެ ކޮންމެ ވަގުތަކުވެސް ފުވައްމުލަކު ވަށައިގެން ކޮންމެ ސަރަހައްދަކުންވެސް ކައްޓެޅި ބޭނޭކަން މުފީދު ފާހަގަކުރިއެވެ.
"ރަށް ވަށައިގެންވެސް އުޅޭ ކައްޓެލި. އިރުވައި މޫސުމުގައި އަޅުގަނޑުމެން މިދަނީ، ރަށުގެ ހުޅަނގު ފަރާތަށް. ހުޅަނގު މޫސުމުގައި ކައްޓެޅި މި ބާނަނީ، އިރުމަތި ފަރާތުން. ހަމަ ރަށް ވަށައިގެންވެސް ބޭނޭ މަހެއް މިއީ. އިރުއޮއްސުމުގެ ފަހުންނާއި އިރުއެރުމާއި ދޭތެރޭ ކޮންމެ ގަޑިއެއްގައިވެސް ކައްޓެޅި ގަނޭ. އެކި ދުވަސްވަރު އެކި ވަރަށް ބޭނެނީ. 70،80 އިން ބާނާ ރޭރޭވެސް އާދޭ." މުފީދު ބުންޏެވެ.
ފުވައްމުލައް ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުން ކައްޓެޅި ފެނުމަކީ، ވަރަށް މަދުން ނޫނީ ވެފައިވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް މި މަސް އުޅޭކަން މިރަށުގެ ކައްޓެޅީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ފުވައްމުލަކު ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޢު ވިދާޅުވީ، ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކައްޓެޅި މާކެޓް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
"ކައްޓެޅިއަކީ، ފުވައްމުލަކުގެ އައިޑެންޓިޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. ޒަމާނުއްސުރެ ކައްޓެޅީގެ މަސްވެރިކަން ކުރުމާއި، ކައްޓެޅި ބޭނުމާއި ކެއުމަކީ ސަޤާފަތެއް. މިކަމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުން ތަޖުރިބާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި. އެހެންވީމަ އެކަން އަޅުގަނޑުމެން ވަރަށް ބޮޑަށް މާކެޓް ކުރަން." މޭޔަރ ވިދާޅުވިއެވެ.
ކައްޓެޅި ކެއުމަކީ، ފުވައްމުލަކު ރައްޔިތުންގެ އިތުރުން އެރަށަށް ޒިޔާރަތް ކުރާ އެހެން ފަރާތްތަކުންވެސް ޝައުޤުވެރިވާ ކަމެކެވެ. މިރަށުގެ ރައްޔިތުން އެމަސް ކެއުމަކީ، އާންމު ކަމެކެވެ. އެހެންނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގެ ގިނަ މީހުންނަށް ކައްޓެޅިއަކީ، މުޅިން އައު މަހެކެވެ.
ފުވައްމުލަކުގައި އާންމުކޮށް ކައްޓެޅި ކަނީ، ގަރުދިޔަ ކައްކައިގެންނެވެ. އެގޮތުން އަލައާއި، ބަތާއެކުވެސް އެމަސްކައެވެ. މިއީ، އިހުޒަމާނުގައި މި މަސް ކެއުމަށް މަޝްހޫރުވެފައިވާ ގޮތެވެ.