ޚަބަރު

ޔަމަނުގެ ހުޅަނގުން ދަތުރުކުރި އާގުބޯޓަކަށް ކުދި ބޯޓުތަކަކުން ޙަމަލާދީފި


ޔަމަނުގެ ހުޅަނގުން ދަތުރުކުރަމުންދިޔަ އާގުބޯޓަކަށް ކުދި ބޯޓުތަކަކުން ޙަމަލާދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ)އިން ބުނެފިއެވެ.

ޔަމަނުގެ ހުޅަނގުން ގާތްގަނޑަކަށް 15 ނޯޓިކަލް މޭރުން ދަތުރުކުރަމުންދިޔަ މި އާގުބޯޓަށް 15 ވަރަކަށް ކުދި ބޯޓުތަކަކުން ޙަމަލާދީފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. ނަމަވެސް، އެ އާގުބޯޓުން ރައްދުގައި ދިން ޙަމަލާތަކާ ގުޅިގެން، އެ ކުދި ބޯޓުތައް ޙަމަލާދިނުން ހުއްޓާލައި، ފިލައިގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

މި ޙާދިސާގައި އާގުބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ.

ނަމަވެސް، މި ޙަމަލާގެ ފަހަތުގައި ތިބި ބަޔަކު އަދި ސާފެއްނުވެއެވެ.