ޚަބަރު

ރައްޔިތުން ހުށަހަޅާ ހުރިހާ ކަމެއް ބަލައި، އެޅެން އޮތް ފިޔަވަޅެއް އަޅާނަން: ރައީސް


  • - ބައްދަލުވުންތަކުގައި ހުށަހަޅާފައިވާ ބައެއް ކަންކަމަށް ވަނީ ހައްލު ހޯދިފައި

  • - ސީދާ ރައީސާގެ ބެއްލެވުމުގެ ދަށުން ދަނީ ބައެއް ކަންކަން ދަނީ ހައްލުކުރަމުން

  • - ރައްޔިތުންގެ ފަރާތުން އަންނަ ބައެއް ހުށަހެޅުންތަކަށް ހައްލު ހޯދަން ވަގުތު ނަގާނެކަން ފާހަގަކުރެއްވި

ރައްޔިތުންނާއެކު ބާއްވާ ކޮންމެ ބައްދަލުވުމެއްގައިވެސް ރައްޔިތުން ހިއްސާކުރައްވާ މައްސަލަތައް ވަރަށް ގާތުން ބައްލަވަމުންދާކަމަށާއި، އަދި އެކަންކަމާއި ގުޅޭގޮތުން އެޅެން އޮތް ފިޔަވަޅެއް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންމެ ރައްޔިތަކަށްވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރައްވާކަމަށެވެ.

މާފަންނަކީ މާލޭގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ ސަރަހައްދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަކީ އެންމެ ގިނަ މައްސަލަތައް ތަހައްމަލުކުރަމުންދާ ރައްޔިތުންކަމަށެވެ. އެހެންކަމުން އެ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމަށް މަސައްްކަތް ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިބޭފުޅުން ވިދާޅުވާ ކޮންމެކަމެއްވެސް އަޅުގަނޑުމެން ވަރަށް ސީރިއެސްކަމާއެކީގަ އެއަށް ވަރަށް އިގާދީގޮތެއްގައި މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނަން. އެއީ ކަންބޮޑުވުމެއް ކަމުގައިވިޔަސް، ހިޔާލެއްކަމުގައިވިޔަސް ނުވަތަ ޝަކުވާއެއްކަމުގައިވިޔަސް އަޅުގަނޑުމެން ތިބޭފުޅުންނަށް އެކަމުގެ ހައްލެއް ހޯދައިދޭން މަސައްކަތްކޮށްދެއްވާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް ބޭއްވި ކޮންމެ ބައްދަލުވުމެއްގައިވެސް ރައްޔިތުން ހިއްސާކުރައްވާ މައްސަލަތައް ވަރަށް ގާތުން ބައްލަވަމުންދާކަމަށެވެ. އަދި މީގެ ތެރެއިން ބައެއް މައްސަލަަތައް މިހާރުވެސް ހައްލުކޮށްދެއްވާފައިވާނެ ކަމަަށާއި، ކުރިއަށްއޮތްތާގަވެސް ރައްޔިތުންނަށް ދިމާވާ މައްސަލަަތައްް ހައްލުކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން ދޭ ސިޓީތަކަށް ވަރަށް ބޮޑަށް އެޓެންޑުކޮށް އެ މައްސަލަތައް ހައްލުކޮށްދިނުމަށް މިދަނީ މަސައްކަތްކުރަމުން. ބައެއް ކަންކަން މިހާރުވެސް ބައެއް ރައްޔިތުންނަށް ހައްލުކޮށްދީފިން. ގިނައީ އެބޭފުޅެއްގެ އަމިއްލަ ކަންކަން. ނޫނިއްޔާ މުޅި މުޖުތަމައާ ގުޅޭ ކަންތައްތައްވެސް އެބަހިމެނޭ. ހަމައެގޮތަށް މާލޭގަ މީގެ ކުރިން ބޭއްވި ދެ ބައްދަލުވުމުގައިވެސް ރައްޔިތުން ހިއްސާކުރެއްވި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންމިދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުގެ ދަށުން އެމަނިކުފާނު މިހާރު ގެންދަވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ. މީގެކުރިން ވަނީ ވިލިމާލެ އަދި މައްޗަންގޮޅި ރައްޔިތުންނާއި ބައްދަލުކުރައްްވާފައެވެ.