ކުޅިވަރު

"އަމާޒާ އެއްގޮތަށް ކަންކަންދާނަމަ ސަރަހައްދީ ފެންވަރުގެ ކުޅިވަރު ހަބަކަށް ރާއްޖެވެގެންދާނެ"


  • ކުޅިވަރުގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ

  • ސަރުކާރުގެ އަމާޒަކީ 20 އަހަރުދުވަހަށް ދިގު ދެމިގެންދާ ފަދަ ގޮތަކަށް ކުޅިވަރު ތަރައްޤީކުރުން

  • "ކޮންމެ ކުޅުންތެރިއަކަށްވެސް ފޮނި ހުވަފެންތައް ދުށުމާއި މުބާރާތްތަކުގެ ވާދަކޮށް ކާމިޔާބު ހޯދުމުގެ ހައްގު ލިބިގެންވޭ"

ސަރުކާރުން ކުޅިވަރު ތަރައްޤީކުރާނީ ވަރުގަލަ ބިންގަލެއްގެ މައްޗަށް، ދިގު މުއްދަތަކަށް ދެމިގެންދާނެފަދަ ގޮތަކަށްކަމަށާއި އަމާޒާ އެއްގޮތަށް ކަންކަންދާނަމަ ސަރަހައްދީ ފެންވަރުގެ ކުޅިވަރު ހަބަކަށް ރާއްޖެވެގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރު މިހެން ވިދާޅުވެފަވަނީ ހަތްވަނަ ކެރަމް ވޯލްޑުކަޕު ފެށުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވަމުން އަންނަކަމަށާ އެކަމަށް މަސައްކަތް ކުރަމުންދާނީ ވަރުގަދަ ބިންގަލެއްގެ މައްޗަށް އެޅިގެންދާ ދިގުރާސްތާ ޕްލޭނެއްގެ ދަށުންކަމަށެވެ. މި ޕްލޭންގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅިވަރުގެ ޢުމްރާނީ ތަރައްޤީއަށް ޚާއްސަ ސަމާލުކަމެއް ދެމުން އަންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިޕްލޭނާއެކު ޒަމާނީ ފެންވަރުގެ ކުޅިވަރު އެރީނާތަކާއި، ކޮމިއުނިޓީ ސްޕޯޓްސް ސެންޓަރުތަކުގެ އިތުރުން ހައި ޕާފޯމަންސް ސެންޓަރުތައް ޤާއިމުކުރެވެމުންދާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"މިސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދެއްވާ ދިގު މުއްދަތަށް ދެމިގެންދާނެ ފަދަ ވަރުގަދަ ބިންގަލެއްގެ މައްޗަށް، ކުޅިވަރު ތަރައްޤީކުރުމަށް. ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ޢުމްރާނީ ތަރައްޤީ ގެންނަމުންދާއިރު، މި ޕްލޭންގެ ދަށުން ޒަމާނީ ފެންވަރުގެ ކުޅިވަރު އެރީނާތަކާއި، ކޮމިއުނިޓީ ސްޕޯޓްސް ސެންޓަރުތަކުގެ އިތުރުން ހައި ޕާފޯމަންސް ސެންޓަރުތައް ޤާއިމުވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަޝްރޫޢުތަކުގެ އަމާޒަކީ މި ސަރަހައްދުގެ ކުޅިވަރު ހަބަކަށް ރާއްޖެ ހެދުންކަމަށެވެ. އެހެންކަމުން އެއަމާޒާ އެއްގޮތަށް ކަންކަންދާނަމަ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރު ހަބަކަށް ރާއްޖެ ހެދޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

"މި އިންވެސްޓުމަންޓުތަކުގެ ބޭނުމަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރު ހަބަކަށް ރާއްޖެ ހެދުން" ވަޒީރު ވިދާޅުވެފަވެއެވެ.

ވަޒީރު ވިދާޅުވީ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ކުޅުންތެރިންނަށް ފޯރުކޮށްދެވިއްޖެނަމަ ކޮންމެ އެތުލީޓަކަށްވެސް ކުރިއަރަން ފުރުސަތު ފަހިވެގެންދާނެކަމަށެވެ. ސަރުކާރުގެ އަމާޒަކީ ވިހި އަހަރު ދުވަހަށް ދެމިގެންދާ ފަދަ ދިގުރާސްތާ ޕްލޭނެއްގެ ދަށުން ކުޅިވަރު ކުރިއެރުވުންކަމަށް ވަޒީރުގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ޕްލޭނެއްގެ އަމާޒަކީ ދިގު މުއްދަތަށް ދެމިގެންދާނެ ފަދަގޮތަކަށް ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އުފައްދާ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ގިނަގުނަ ކާމިޔާބީތައް އަބަދުވެސް ލިބިލިބިހުރުންކަމަށް ވަޒީރުވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އެޖެންޑާގަވަނީ 20 އަހަރަށް ދިގު ދެމިގެންދާ ދިގުރާސްތާ ޕްލޭނެއްގެ ދަށުން ކަންކަން ބައްޓަންކުރުން. މި ޕްލޭނުގެ އަމާޒަކީ ހުނަރުވެރި މޮޅެތި އެތުލީޓުން އުފައްދާ ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކާމިޔާބީތައް ހުއްޓުމެއްނެތި އަބަދުވެސް ލިބިލިބިހުރުން" ވަޒީރު ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން ޒުވާން ކުޅުންތެރިން އުފެއްދުމަށް ހިންގާ ގްރާސް ރޫޓް ޕްރޮގްރާމުތަކާއި އެޑްވާންސް ކޯޗިންގެ ތަމްރީނުތަކާއި ކުޅިވަރުގެ ތަމްރީނުތައް ހިންގުމުގެ އިތުރުން ބައިނަލްއަޤްވާމީ އެކްސްޕޯޝަރ ޕްރޮގްރާމުތައް ކުރިއަށްދާނެކަމަށް ވަޒީރު ފާހަގަކުރައްވާފަވެއެވެ.

މިފުރުސަތު ހުރިހާ ކުޅިވަރަކަށްވެސް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހަމަހަމަ ފުރުސަތުތަކެއް ކޮންމެ ކުޅިވަރަކަށްވެސް ފޯރުކޮށްދިނުންކަމަށެވެ.

"ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކަށްވެސް ފޮނި ހުވަފެންތައް ދުށުމާއި މުބާރާތްތަކުގެ ވާދަކޮށް ކާމިޔާބު ހޯދުމުގެ ހައްގު ލިބިގެންވޭ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ދެކެނީ ކޮންމެ ކުޅިވަރަކީވެސް ހަމަހަމަ ކުޅިވަރެއްކަމަށާއި ކޮންމެ އެތުލީޓަކަށްވެސް ކުރިއެރުމުގެ ހައްގު ލިބިގެންވާކަމަށެވެ. އެހެންކަމުން އެތުލީޓުންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދީ ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކުޅުންތެރިންކުރާ މަސައްކަތުގައި ސަރުކާރުގެ އެއްބާރުލުން އެންމެ ފުރިހަމައަށް ދެމުންދާނެކަމުގެ ޔަގީންކަން ކުޅިވަރު ވަޒީރުދެއްވާފަވެއެވެ.