ޚަބަރު

ސްޕެޝަލް އޮލިމްޕިކްސްއަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދޭނަން: ކުޅިވަރު ވަޒީރު


  • ވަޒީރު ވަނީ އެސޯސިއޭޝަނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވާފަައި

  • އެ އެސޯސިއޭޝަނުން ކުރިޔަށް ރާވާފައިވާ ކަންކަމާއި ގުޅޭ މައުލޫމާތުތައް ވަޒީރު ހޯއްދެވި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެ އެސޯސިޢޭޝަންގެ އިސްވެރިންނާއެކު ކުޅިވަރު ވުޒާރާގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އިސްވެރިންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެ އެސޯސިއޭޝަނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވާފަައެވެ. އަދި ކުރިޔަށް އޮތް އަހަރަށް ރޭވިފައިވާ ހަރަކާތްތަކާއި މިއަހަރުގެ ބާކީ އޮތްތަނުގައި ކުރަން ރާވާފައިވާ ކަންކަމާއި ގުޅޭ މައުލޫމާތުތައް ހޯއްދަވާފައެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އިސްވެރިން ވަނީ ރާއްޖޭގެ ޕެރަ އެތުލީޓުން ހޯދާފައިވާ ކާމިޔާބީތައް ވަޒީރާއި ހިއްސާކުރައްވާފައެވެ.

އަދި އެކި ކަންކަން ކުރިޔަށް ގެންދިއުމުގައި ޕެރަ އެތުލީޓުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭ ގޮތުން ވަޒީރާއެކު މަޝްވަރާ ކުރައްވާފައެވެ.

ޕެރަ އެތުލީޓުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވާ މިންވަރު އިތުރުކޮށް އެކި ކަހަލަ ކުޅިވަރުތަކުން އެ ކުދިންނަށް ފުރުސަތު ހޯދައިދިނުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

އެ އެސޯސިއޭޝަނުން އެންމެ އަވަހަށް ކުރަން ރާވާފައިވާ ކަމަކީ ޔުނިސެފާއި ގުޅިގެން ޑިސެމްބަރު 12 އަދި 13 ގައި “ދަ ކަލެކްޓިވް ޗެލެންޖު” ގެ ނަމުގައި 18-25 އަހަރުގެ ޒުވާނުން ބައިވެރިކޮށްގެން ބާއްވާ ސިމްޕޯސިއަމެކެވެ.

ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ހުރިހާ ކުޅިވަރުތަކަކަށް ހަމަހަމަ އުސޫލުތަކެއްގެ ދަށުން ކަންކަން ހަމަޖައްސައިދިނުމެވެ.