ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާ މިންވަރު ދަނީ ފެންނަމުން: ރައީސް


  • ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް މޫސުން ގޯސްވެ، ހިތާމަވެރި ހާދިސާތަކެއް ދަނީ ހިނގަމުން

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާ ބޮޑުވަމުންދާ މިންވަރު ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް މޫސުން ގޯސްވެ، ހިތާމަވެރި ހާދިސާތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކުުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތައް ބޮޑުވަމުންދާ މިންވަރު އަންގައިދޭ ކަންކަމަށެވެ. އަދި ތައިލެންޑު، ވިއެޓްނާމް އަދި އިންޑޮނޭޝިޔާގައި މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި ބަޔަކު މަރުވެ، ލިބުނު ގެއްލުންތަކާއި ގުޅިގެން ދިވެހި ސަރުކާރުން ހިތާމަ ފާޅުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮންކޮންގައި ބަޔަކު ދިރިއުޅޭ އިމާރާތްތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތައުޒިޔާވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ މި ހާދިސާގައި އެކި ގޮތްގޮތުން ގެއްލުން ލިބުނު ފަރާތްތަކާއެކުކަމަށެވެ. އަދި މީހުންގެ ސަލާމާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ ހިތްވަރުގަދަކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ މަސައްކަތަށް ރައީސް ވަނީ ތައުރީފްކުރައްވާފައެވެ.