ޚަބަރު

ސޫރިޔާގެ އަވަށަކަށް ޔަހޫދީ ސިފައިން ރޭޑުޖަަހައި ގިނަ އަދަދެއްގެ ބަޔަކު މަރައިލައިފި


ސޫރިޔާގެ ވެރިރަށް ދިމިޝްޤާ ދުރުނޫން ހިސާބެއްގައި އޮތް އަވަށަކަށް ޔަހޫދީ ސިފައިން އަރައި ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރައިލައިފިއެވެ. ދިމިޝްޤުގެ ހުޅަނގުދެކުނުން 50 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް ބަޔިތު ޖިންއަށް ޔަހޫދީ ސިފައިން އަރައި ހިނގި ޖަރީމާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްގެން ގެންދިޔައެވެ. ނަމަވެސް، މަރައިލާފައިވާ މީހުންނާއި ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ.

ބަޔިތު ޖިންއަކީ ޔަހޫދީން ފޭރިގަނެފައިވާ ސޫރިޔާގެ ބިމެއް ކަމުގައިވާ އަލް-ޖޫލާންގެ ބިންތަކާއި ޙަރްމޫން ފަރުބަދާ ދެމެދުގައި އޮތް އަވަށެވެ. ޔަހޫދީ ފައުޖުން ބުނީ، އެ އަވަށަށް ރޭޑު ޖަހާފައި ވަނީ އަލް-ޖަމާޢަތު އަލް-އިސްލާމިއްޔާގެ ނަން ދީފައިވާ ގުރޫޕަކަށް ނިސްބަތްވާ ބަޔަކު ހައްޔަރު ކުރުމަށް ކަމުގައެވެ. ނަމަވެސް، އޮޕަރޭޝަންގެ ތެރެއިން އެ ޖަމާޢަތުގެ މީހުން ޙަމަލާ ދިނުމުން، އަސްކަރީ ވައިގެ އުޅަނދުފަހަރު ބޭނުންކޮށް ރައްދު ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.

އަލް-ޖަމާޢަތު އަލް-އިސްލާމިއްޔާގެ މެންބަރުންނާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރި ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ ތިން މީހުން ޒަޚަމުވިއެވެ. ބަޔިތު ޖިންއަށް ޖެހި ރޭޑުގައި، އަލް-ޖަމާޢަތު އަލް-އިސްލާމިއްޔާއަށް ނިސްބަތްވާ ބަޔެއް މެންބަރުން ހައްޔަރު ކޮށްގެން ގެންގޮސްފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. އެ ސަރަޙައްދުގައި ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޑިސެންބަރު މަހުގެ 8ވަނަ ދުވަހަށް ފަހު ޔަހޫދީ ސިފައިން ވަނީ ސޫރިޔާގެ ދެކުނުގައިވާ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އަދި، މި އަހަރުގެ ތެރޭގައި ސޫރިޔާއަށް އަމާޒުކޮށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ވަނީ އިތުރު ކޮށްފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮތް ސަރަޙައްދުތަކަށެވެ. ޔަހޫދީންގެ ޢުދުވާންތައް އިތުރު ކުރަމުން މި ދަނީ، ސޫރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން އެމެރިކާއާ އެކު ގުޅުންތައް ބަދަހި ކުރަމުންދާ ދަނޑިވަޅެއްގައެވެ.