މުބާރާތްތަކުގައި ވާދަކުރާއިރު ކާމިޔާބީއަށް ވާޞިލުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްކަމަކީ ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަންކަމަށާއި، އެތުލީޓުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ބުރޫއަރާ އެންމެހާ ކަންކަމުން ދުރުވެތިބުމަށް ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް އިލްތިމާސްކުރައްވައިފިއެވެ.
ރައްޒާޤު މިކަމަށް އިލްތިމާސްކުރެއްވީ ކެރަމް ވޯލްޑްކަޕުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން ޤައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނާއި މުޚާޠަބުކުރައްވައެވެ. އޭނާ ވިދާޅުވީ ނަފްސާނީ ދުޅެހެޔޮކަމަކީ ކާމިޔާބީއާއި ގުޅިލާމެހިފައިވާ ކަމެއްކަމަށެވެ. އެހެންކަމުން އެތުލީޓުންނަށް ނަފްސާނީގޮތުން އުނދަގޫވެދާނެ އެންމެހާ ކަންކަމުން ދުރުވެ ތިބުމަކީ ކާމިޔާބީގެ އަމާޒަށް ވާޞިލްވުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމެއްކަމަށް އޭނާ ފާހަގަކުރައްވާފަވެއެވެ.
"އަބަދުވެސް ހަނދާންކުރާތި ތިޔަ ބޭފުޅުންގެ ކާމިޔާބީއާއި ތިޔަ ބޭފުޅުންނާ ދެމެދު ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް އެއީ މެންޓަލް ސްޓޭޓަސް. އެއްވެސް ސަބަބަކާހުރެ މެންޓަލް ސްޓޭޓަސްއަށް ބުރޫ އަރާ އެންމެހާ ކަމަކާ ތިޔަ ބޭފުޅުން ދުރުވެވޭތޯ މަސައްކަތްކުރާތި" ޤައުމީ ކެރަމް ޓީމާއި މުޚާޠަބުކުރައްވާ ރައްޒާޤް ވިދާޅުވިއެވެ.
ކެރަމް ޓީމާއި މުޚާޠަބުކުރައްވާ ރައްޒާޤް އިލްތިމާސްކުރެއްވީ މުބާރާތުގެ ތެރޭގައި ޕްރެޝަރެއް އަތުވެދާނެ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށެވެ. އެކަމަކީ އެކުވެރިންގެ ފަރާތުން ވިޔަސް ނުވަތަ ސަރުކާރާއި އެސޯސިއޭޝަނުގެ ފަރާތުން ދިމާވާ ކަމެއްކަމަށް ވިޔަސް އެހުރިހާ ކަމަކާ ދުރުވެ ތިބުމަށް ރައްޒާޤްވަނީ ކުޅުންތެރިންނަށް އިރުޝާދުދެއްވާފައެވެ.
ރައްޒާޤު ވިދާޅުވީ ކޮންމެ ކުޅުންތެރިއަކުވެސް އަމާޒަށް ވާސިލްވުމަށްޓަކައި އަމިއްލަ ނަފްސަށް އިތުބާރުކުރުމަށެވެ. އަދި މިހާތަނަށް ދަސްވި އެންމެހާ ހުނަރުތައް މުބާރާތުގެ ތެރޭގައި ބޭނުންކޮށް އަމިއްލަ ވަންތަކަމާއެކު ކާމިޔާބަށް ވާޞިލްވުމަށް އޭނާ ގޮވާލައްވާފަވެއެވެ.
"މިހާރު ތިޔަ ބޭފުޅުން ޤަބޫލުކުރައްވަންވާނެ ތިކުރެވުނު މަސައްކަތުގެ ސަބަބުން ތިޔަ ބޭފުޅުންނަށް ކާމިޔާބުވާނެއޭ. ސޯ ބިލީވް އިން ޔޯރ ސެލްފް އެންޑް އެޕްލައި މި ދަސްވި ސްކިލްތައް. ތިޔަ ބޭފުޅުންގެ އަމިއްލަ ގޮތުގަ މިކަން އެންމެ ރަނގަޅަށް ކުރެވޭނީ މިގޮތަށްކަން ގަބޫލުކުރަންވީ" ރައްޒާޤް ވިދާޅުވެފަވެއެވެ.
ކޮންމެ އެތުލީޓެއްވެސް އެ އެތުލީޓެއްގެ އަމިއްމަ ގޮތުގައި ކުރިއަރަން ރައްޒާޤް އިރުޝާދުދެއްވިއެވެ. އޭނާ ވިދާޅުވީ އެހެން މީހުން ކަންކުރާ ގޮތް ނަކަލުކޮށް ކޮޕީކުރުމުގެ ބަދަލުގައި ތިމާ ކުރި އަރާ ދާނީ އަމިއްލަ ގޮތްތަކެއްގައި ހިފުމުންކަމަށެވެ. އެހެންކަމުން ޔަގީންކަމާއެކު ޤައުމަށްޓަކައި ނުކުމެ ހިތްވަރާއެކު ވާދަކޮށް ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ރައްޒާޤުވަނީ ޤައުމީ ކެރަމް ޓީމުގެ ކިބައިން އެދިލައްވާފައެވެ.
ހަތްވަނަ ކެރަމް ވޯލްޑް ކަޕު ކުރިއަށްދާނީ އަންނަ ޑިސެމްބަރުމަހުގެ 2 އިން 6 އަށް ބާސެލޯ ނަސަންދުރާގައިއެވެ. މިމުބާރާތުގައި 21 ޤައުމަކުން ވާދަކުރާނެއެވެ. ރާއްޖެއިން މިމުބާރާތުގައި ދެ ޑިވިޝަނުން ޖުމްލަ 8 ކުޅުންތެރިން ވާދަކުރާނެއެވެ.