އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމުގެގޮތުން، ހޭލުންތެރިކުރުމުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.
12 އަތޮޅެއްގެ 36 ރަށެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ފަށާ މި ޕްރާމް، އަންނަ ހޯދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކު ނިޒާމު ހިނގާގޮތާއި، އަސާސްތަކާއި، މަލްޓިޕާޓީ ސިސްޓަމްއާ ގުޅޭ މައުލޫމާތު ދިނުމެވެ. އަދި ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި، ނިޒާމުގައި ހިމެނޭ ފަރާތްތަކުން ނަގަންޖެހޭ ޒިންމާތަކާއި، އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމެވެ.
ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އައްޑު އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގައެވެ. މިގޮތުން މި ޕްރޮގްރާމުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ އެކި އުމުރު ފުރައިގެ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ސެޝަންތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ހާއްސަކޮށްގެން ޕޮރޮގްރާމުތައް ކުރިއަށްގެންދާނެއެވެ.
މި ޕްރޮގުރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިލެކްޝަންސް ކޮމިޝަނުން ހިންގި ޓްރެއިނިންގ އޮފް ޓްރޭނަރސްގެ ޕްރޮގްރާމް ފުރިހަމަކުރި 24 ޓްރެއިނަރުންނެވެ.
މި ޕްރޮގްރާމްތައް ހިންގަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ފުވައްމުލައް ސިޓީ ލާރނިންގ ސެންޓަރއިން ބައިވެރިވެއެވެ. އަދި މިހަރަކާތުގެ މީޑީއާ ޕާޓްނަރެއްގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ ހަރަކާތްތެރިވާނެއެވެ.