ޚަބަރު

ޝައިޚް ޙަސީނާ އަނބުރައި ޤައުމަށް ފޮނުވާލުމާއިމެދު އިންޑިޔާއިން ދިރާސާ ކުރަނީ


އަމިއްލައަށް އަރުވައިލެއްވިގެން އިންޑިޔާގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އަނބުރައި ޤައުމަށް ފޮނުވައިލުމަށް ދާކާއިން ނިއު ދެއްލީގެ ސަރުކާރުގައި އެދެފިއެވެ. މި ކަން ހާމަ ކުރަމުން އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބުނީ، ދާކާ ސަރުކާރުގެ އެދުން ދިރާސާކޮށް، އިންޑިޔާއިން އެ ކަމާ މެދު ވިސްނަމުންދާ ކަމުގައެވެ.

ހުސްވި އަހަރުގެ ޑިސެންބަރު މަހު ވެސް ޝައިޚް ޙަސީނާ އަނބުރައި ޤައުމަށް ފޮނުވައިލުމަށް ދާކާއިން ނިއު ދެއްލީގައި އެދިފައިވެއެވެ. ޝައިޚް ޙަސީނާ ފިއްލަވައިގެން ދެއްލީއަށް ވަޑައިގަންނަވާފައި ވަނީ ހުސްވި އަހަރު އޭނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ ޒުވާނުން އިސްވެ ފެށި މުޒާހަރާތަކާ ގުޅިގެންނެވެ. އޭނާ ދެއްލީއަށް ވަޑައިގެންނެވީ އޮގަސްޓު މަހުއެވެ. އޭނާގެ ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ކޮންޓުރޯލު ކުރުމަށް ޙަސީނާގެ ސަރުކާރުން ވަނީ ފުލުހުން މެދުވެރިކޮށް، ބާރުގެ ބޭނުން ކޮށްފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންގަނޑުގައި އެތަކެއް ސަތޭކަ ބަޔަކު މަރުވިއެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ. މުޒާހަރާ ރޫޅައިލުމަށް ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނެއެވެ. އެ ކަމުގައި ޝައިޚް ޙަސީނާގެ ބައިވެރިވުން އޮތް ކަމަށް ކަނޑައަޅައި، ބަންގްލަދޭޝްގެ ކޯޓަކުން ދާދިފަހުން ވަނީ އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައެވެ. ޝައިޚް ޙަސީނާ އަނބުރައި ޤައުމަށް ފޮނުވައިލުމަށް ދާކާއިން އެދިފައި މި ވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ އިތުރު ދަޢުވާތަކާ ކުރިމަތިލައްވައި، އޭނާއާ ދެކޮޅަށް އިއްވާފައިވާ މަރުގެ ޙުކުމް ތަންފީޒު ކުރުމަށެވެ.

މަސްތަކަކަށް ދެމިގެންދިޔަ ޝަރިޢަތަށް ފަހު ޙަސީނާއާ ދެކޮޅަށް ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓުން އިއްވާފައިވާ ޙުކުމްގައި ކަނޑައަޅާފައިވާ ގޮތުގައި، ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވަނީ ސީދާ އޭނާގެ އަމުރަށެވެ. މިއީ، އެ ޤައުމުގެ ތާރީޚުގައި ވެސް ކުރީގެ ވެރިއަކާ ދެކޮޅަށް މަރުގެ އަދަބު ދިނުން ފަދަ ހަރުކަށި އަދަބެއް ދިނުމަށް ޙުކުމް ކޮށްފައިވާ ފުރަތަމަ ފަހަރެވެ. ކޯޓުން ޙަސީނާއާ ދެކޮޅަށް ޙުކުމް ކޮށްފައި ވަނީ، ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު ވެސް ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ.