ކުޅިވަރު

ލަންކާ – ރާއްޖެ އަންނަ އަހަރު ވެސް ސުޕަކަޕް ކުޅޭނެ


ސްރީލަންކާ އާއި ދިވެހިރާއްޖެ އަންނަ އަހަރު ވެސް ސައުދު އޭޝިއަން ސުޕަކަޕް ފުޓްބޯޅަ މެޗު ނުވަތަ މުބާރާތް ކުޅޭނެ ކަމަށް ސްރީލަންކާއިން ބުނެފިއެވެ.

މިކަން އިއުލާނުކުރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ އެވެ. އޭނާ މިހެން ބުނީ ލަންކާގެ ގައުމީ ޓީމު އަންނަ އަހަރު މެދުވެގެން ބައިނަލް އަގްވާމީ 12 މެޗު ކުޅުމަށް ހަމަޖެހިފައިވާކަން އިއުލާނު ކުރަމުންނެވެ.

ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖަސްވަރު އުމަރު ވިދާޅުވީ އަންނަ އަހަރު ސުޕަކަޕް ކުޅޭނީ ފަހަރުގައި ތިން ގައުމަކާ އެކުގައި ކަމަށެވެ.

"ލަންކާ އާއި ދިވެހިރާއްޖެ ކުޅޭނެ. ދެން އިތުރު ގައުމަކާއެކު ސުޕަކަޕް ކުޅެން ރާވާފައިވާނީ. ފަހަރުގައި އިތުރު ގައުމަކާއެކު ހަތަރު ގައުމުގެ މުބާރާތަކަށް ވެސް ވެދާނެ. މުބާރާތް ކުޅޭނީ ލަންކާގައި،" ޖަސްވަރު ވިދާޅުވި އެވެ.

ސައުތު އޭޝިއަން ސުޕަކަޕްގެ ނަމުގައި ލަންކާއިން މި މުބާރާތް ފެށީ މި އަހަރު އެވެ. ހަތަރު ގައުމު ވާދަކުރަން ފުރަތަމަ ރޭވި މުބާރާތަށް އެންމެ ފަހު ވަގުތު ބޫޓާނަށް ނާދެވުމުން ކުޅުނީ ލަންކާ އާއި ރާއްޖެ އެކަންޏެވެ. މިހެންވެ ތަށި ދިނީ ދެ ގައުމު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށްފަހު އެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު ދެ ވަނަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލަށް ކޯޗުކޮށްދިން މުތައިރީ ބުނީ ލަންކާގެ އަމާޒަކީ އަންނަ އަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ. އަދި އެ މުބާރާތަސް ލަންކާ ޓީމު ތައްޔާރު ކުރުމަށް ރަނގަޅު ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވަން އުޅުނީ މި އަހަރު ކުރީކޮޅު ލަންކާގަ އެވެ. ނަމަވެސް މުބާރާތުގެ މާކެޓިން ޕާޓްނަރުންގެ އެދުމުގެ މަތީން މުބާރާތް ވަނީ ފަސްކޮށްފަ އެވެ. މާކެޓިން ޕާޓްނަރުން ބޮޑަށް ބާރު އަޅަނީ ސާކުގެ ހަތް ގައުމު ކުޅޭ މި މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށެވެ.