ހޮންގ ކޮންގގައި މީހުން ދިރިއުޅޭ އުސް އިމާރާތްތަކެއްގައި ރޯވެ، އަނދަމުންދާއިރު، އެ ހާދިސާގައި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.
ހޮންގ ކޮންގގެ އުތުރުގެ ޓައި ޕޯ އަވަށުގައި ހުންނަ އެ ހައުސިން އިމާރާތުގައި 2،000 އަށް ވުރެ ގިނަ ފްލެޓުގައި މީހުން ދިރިއުޅެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވާ ސިފައިންގެ މީހަކު ވެސް ހިމެނޭއިރު، ފިހިގެން ފަރުވާދެމުންދާ ތިން މީހެއްގެ ހާލު ސީރިއަސްކަމަށް ކަމާގުޅޭ އިދާރާއިން ބުންޏެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، އެ އިމާރާތުގެ ތެރޭގައި ތިބި މީހުންގެ އަދަދު ވެސް ސާފެއް ނުވެއެވެ.
ވޭންގް ފުކް ނަމަކަށް ކިޔާ، ޖުމްލަ އަށް ޓަވަރު ހުންނަ އެ ހައުސިން އިމާރާތަކީ ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. އެތަނުގެ ކޮންމެ ޓަވަރެއްގައި 31 ފަންގިފިލާ ހުންނައިރު، އެތަނުގައި 1983ވަނަ އަހަރުން ފެށިގެން މީހުން ދިރިއުޅެމުންދާ ކަމަށް ބުނެފައިވެއެވެ.
ހާދިސާ ހިނގީ، އެ ޓަވަރުތަކުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާގުޅޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.