ފުވައްމުލައް ސިޓީގައި ޤާއިމްކުރާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ ހިންގަން ބޭނުންވާ ތަން ހަމަޖެހިފައިވާ ކަމަށާއި މިމަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރު އެ ވުޒާރާއިން ކުރައްވާފައިވާ މަސައްކަތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ހަފުތާ 104 ޕްރޮގްރާމްގައި ޙިއްސާ ކުރައްވަމުންނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ރާއްޖޭގެ ރުއްތަކާއި ގަސްތަކަށް ބަލި ޖެހުމުގެ މައްސަލައަކީ ދަނޑުވެރިންނަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. ޚާއްސަކޮށް ރުކަށް ޖެހޭ ބަލިތަކުގެ ސަބަބުން ރާއްޖޭގެ ރުއްތައް ހަލާކުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރުއް ގަހަށް ޖެހޭ ބަލިތައް ތަޙުލީލުކުރެވި އެކަމަށް ޙައްލު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރުއް ގަހަށް ޖެހޭ ބަލިތަކާއި އަދި އެހެން ކަހަލަ ތަޙުލީލުތައް ކުރުމަށް ޚާއްސަ ކޮށްގެން ސަރުކާރުން ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓަރީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ލެބޯޓަރީއަށް ބޭނުންވާ މެޝިނަރީސް ލިބިފައިވާ ކަމަށާއި، މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"މެޝިނަރީ ހުރީ ލިބިފައި، ފުވައްމަލު ލެބަށް ތަނެއްވެސް ލިބިއްޖެ، އަވަސް މުސްތަޤުބަލެއްގައި މެޝިނަރީތައް ތަރުތީބު ކުރެވި މީހުން ހޯދާ، މަސައްކަތް ވަރަށް އަވަހަށް ފެށޭނެ" ވަޒީރު ވިދާޅުވިއެވެ.
ޗައިނާގެ ސިޗުއާން ޕްރޮވިންސްއާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ވަނީ އެއްބަސްވުމެއް އެކުލަވާލައިފައެވެ. ވަޒީރު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ގޮސް އެކި ތަޙުލީލުތައް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ރުއްތަކަށް އާންމުކޮށް ޖެހޭ ބައްޔެއް ކަމަށްވާ ހިސްޕިޑް ބީޓަލްސް ކޮންޓްރޯލް ކުރުމަށް ރިސާރޗް ޓީމުން ގިނަ މަސައްކަތްތައް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މި އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް އެކަމަށް އެކަށީގެންވާ ޙައްލެއް ލިބި ރައްތަކަށް ބޭސް ފޮނުވުމުގެ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގައި ޤާއިމްކުރާ ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީގެ މަސައްކަތް 29 އޮގަސްޓު 2024ގައި ވެންޒާރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ވަނީ ޙަވާލުކޮށްފައެވެ. މިއީ، ދަނޑުވެރިކަމުގެ 4 ދާއިރާއަކަށް އަމާޒު ކޮށްގެން ތަރައްޤީކުރާ ތަނެކެވެ. އެއީ، ސޮއިލް ޓެސްޓިންއާއި، ޓީޝޫ ކަލްޗަރއާއި ޕްލާންޓް ޕެތޮލަޖީގެ އިތުރުން އެންޓަމޮލަޖީއެވެ.
މިއީ ދިވެހި ސަރުކާރާއި، ޖަޕާނު އަދި ޔޫ.އެން.ޑީ.ޕީއާއި ގުޅިގެން ހިންގާ މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ތަނެކެވެ. މިތަނުގެ ސަބަބުން ދަނޑުވެރިކަމާއި ގުޅުންހުރި ތަމްރީންތައް ހިންގުމުގެ އިތުރުން ޒަމާނީ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ބޭނުންވާ ކަންކަން އިންތިޒާމު ވެގެންދާނެއެވެ.
ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން، މިއީ އެންމެ މުހިންމު އެއް މަސައްކަތެވެ. ޤައުމީ ލެބޯޓަރީ ޤާއިމްކުރުމާއެކު، ދަނޑުވެރިކަމުން އުފައްދާ ތަކެތި ރައްކާތެރި ގޮތުގައި ބޭނުން ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން މިކަން ފާހަގަކުރައްވައެވެ.
ލެބޯޓަރީގެ މި މަޝްރޫޢުގެ ދަށުން، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު ވަޒަން ކުރުމާއި، ބޭނުންކުރާ ކެމިކަލްތަކުގެ މިންގަނޑުތައް ދެނެގަތުމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާގެ ރައްކާތެރިކަން އިތުރުވެ، ޞިއްޙަތަށް ފައިދާ ހުރި ކާބޯތަކެތި އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. މި ސަރުކާރުގެ އަމާޒަކީ، ދިވެހި ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކޮށް، ކާނާގެ ޔަޤީކަން އިތުރު ކުރުމެވެ.