ޚަބަރު

ޢަލަވިއްޔުން ކުރި މުޒާހަރާއެއް ސޫރިޔާގެ ސަލާމަތީ ބާރުތަކުން ބަޑި ޖަހައި ރޫޅައިލައިފި


ސޫރިޔާގެ އައްލާޒިޤިއްޔާގައި ސަރުކާރާ ދެކޮޅު ޖަމާޢަތަކުން ކުރި މުޒާހަރާއެއްގައި ސަރުކާރަށް ތާއީދުކުރާ މީހުންނާއެކު ކުރިމަތިލުންތަކެއް ހިންގުމުން، މުޒާހަރާ ރޫޅައިލުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ބަޑީގެ ބޭނުންކޮށްފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސޫރިޔާގެ މީސްމަދު ޢަލަވިއްޔުންނަށް ނިސްބަތްވެވަޑައިގަންނަވާ އެ ޤައުމުގެ ކުރީ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ސޫރިޔާގެ އެކި ވަންހަތަކުން އެކި ފަހަރު މަތިން ވަނީ އެ ޤައުމުގައި ހަމަނުޖެހުން އުފައްދާފައެވެ. އެ ފަދަ ކުރިމަތިލުންތަކަކީ ސޫރިޔާގެ އިންތިޤާލީ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

މަންޒަރު ދުށް މީހުން ބުނީ ސޫރިޔާގައި ލާމަރުކަޒީ ސިޔާސީ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލައި އެތައް ސަތޭކަ ޢަލަވިއްޔުން މަގުތަކަށް ނިކުމެ ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު މުޒާހަރާކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސޫރިޔާގެ މިހާރުގެ އިންތިޤާލީ ސަރުކާރުން ނުހައްޤުން ހައްޔަރުކޮށްފައިވާ ކަމަށް އެ މީހުން ބުނާ މީހުން ދޫކޮށްލުމަށް ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވައިލަމުންނެވެ. އެ މުޒާހަރާ އިންތިޒާމްކޮށްފައި ވަނީ ޢަލަވިއްޔުންގެ އެންމެ މަތީ އިސްލާމީ ކައުންސިލުގެ އިސްވެރިޔާ، ޣަޒަލް ޣަޒާލްގެ ގޮވައިލުމަކަށެވެ. ޞުލްޙަވެރިކަމާއެކު މުޒާހަރާ ކުރުމަށް އޭނާ ވަނީ ޢަލަވިއްޔުންގެ ކިބައިން އެދިފައެވެ.

އެ މުޒާހަރާ ކުރަމުން ދިޔަ ސަރަޙައްދަށް ސަރުކާރަށް ތާއީދުކުރާ މީހުން އެއްވެ، ޢަލަވިއްޔުންނަށް ބަހުގެ ޙަމަލާތައް ރައްދުކޮށްފައިވެއެވެ. ޢަލަވިއްޔުންގެ މުޒާހަރާ ފެށިތާ ގަޑިއިރެއްވަރު ފަހުން، މުޒާހަރާގެ ބައިވެރިން އެއްވެފައިވާ ދެ މައިދާނުގެ ތެރެއިން އެއް މައިދާން ކަމަށްވާ އެގްރިކަލްޗަރ ސްކުއެއާގައި ބަޑީގެ އަޑު އިވިފައިވެއެވެ. އެ ސަރަޙައްދުގެ މަންޒަރު ފެންނަ ވީޑިޔޯއަކުން ބޮލަށް އަނިޔާއެއް ލިބި، ހޭހުސްވެފައިވާ މީހަކު ބިންމަތީގައި އޮންނަ މަންޒަރު ވެސް ފެނެއެވެ. މުޒާހަރާގައި އަނިޔާވި މީހުންނާ ގުޅޭ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އައްލާޒިޤިއްޔާ ޕްރޮވިންސުގެ މީޑިޔާ ގުޅުންތަކާބެހޭ އިސްވެރިޔާ، ނޫރުއްދީން އަލް-ބުރިމޯ ވިދާޅުވީ މުޒާހަރާ ރޫލައިލުމަށް ސަލާމަތީ ބާރުތަކުން ވައިގެ ތެރެއަށް ބަޑިޖަހާފައިވާ ކަމަށެވެ. ހަމަ އެ މުޒާހަރާގެ ތެރެއިން ގޮތް ނޭނގޭ ބަޔަކު ޢާންމުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ބަޑި ޖަހާފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ. މުޒާހަރާތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އަލްއަސަދަށް ވަފާތެރި މީހުން ސޫރިޔާގެ ސަލާމަތީ ބާރުތަކާ މިދިޔަ މާރިޗު މަހުގެ ތެރޭގައި ކުރިމަތިލުމުން ސޫރިޔާގެ ސަރުކާރާ ގުޅުންހުރި ފައުޖުތަކުން ވަނީ ގާތްގަނޑަކަށް 1،500 ޢަލަވިއްޔުން މަރާލައިފައެވެ. އެ ހާދިޘާއަށް ފަހު ޢަލަވިއްޔުންނަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ އަންހެނުން ވަގަށް ނަގާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ސޫރިޔާގެ އިންތިޤާލީ ރައީސް، އަޙްމަދު އަލްޝަރާޢު ވަނީ ސޫރިޔާއަކީ ބައިބައިވުން ނެތް، އެއްބައިވަންތަ ޤައުމަކަށް ހަދާނެ ކަމަށް ވަޢުދުވެފައެވެ.