ޚަބަރު

ފަހަތުން އަރައި މާސޭއިން ނިއުކާސަލް ބަލިކޮށްފި


  • ނިއުކާސަލްއާ ވާދަކޮށް މާސޭއިން މެޗު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުން

  • މެޗުން ބަލިވި ނަމަވެސް ނިއުކާސަލް އޮތީ ތާވަލުގެ އަށް ވަނައިގައި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް މާސޭ ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން މާސޭ ކާމިޔާބުކޮށްފިއެވެ.

މާސޭގެ ދަނޑުގައި ކުޅުނު މި މެޗުގެ 6 ވަނަ މިނިޓުގައި ނިއުކާސަލްގެ ހާވޭ ބާރންސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ.

މި ހަފްތާގައި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް ރަގަޅު ފޯމެއްގައި އޮވެ މި މެޗަށް ނިއުކާސަލް ޔުނައިޓެޑް ނިކުތްއިރު, އެ ޓީމަށް ވަނީ މި މެޗުގައި މާ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތް ނުވެފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއްވެސް ނުވަނީސް އާސެނަލް އާއި ޗެލްސީ އަށް ކުރިން ކުޅުނު އުމުރުން 36 އަހަރުގެ ފޯވަޑް ޕިއޭ އެމެރިކް އައުބަމެޔަންގް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

އަދި އޭގެ ހަތަރު މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މާސޭ އަށް ކުރި ހޯދަދީފައެވެ.

މި މެޗުގައި މާސޭގެ އައުބަމެޔަންގް އަށް ވަނީ މެޗުގެ ފަރަގު ބޮޑު ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިފައެވެ.

މި ނަތީޖާ އާއިއެކު މާސޭ އަށް ވަނީ ފަސް މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލުގެ 19 މަގާމް ލިބިފައެވެ. ނިއުކާސަލް އަށް ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އަށް ވަނައިގައެވެ.