ޚަބަރު

ޔަހޫދީންގެ އިތުރު ޙަމަލާތަކާ އެކު ޣައްޒާގައި ސުލްޙަ ދަމަހައްޓަން ހިޔަނިއެޅެނީ


ޔަހޫދީ ފައުޖުން އަނެއްކާ ވެސް ފަލަސްޠީނުގެ ޣައްޒާގައި ލާއިންސާނީ ޖަރީމާތަކެއް ހިންގައި، ތިން މީހަކު ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައި އޮތް ނަމަވެސް، ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންނެވެ. މިއީ، އޮކްޓޫބަރު 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު އަމަލު ކުރަން ފެށި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކެކެވެ.

ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަހަރުގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ކަމުގައެވެ. މި ގޮތުން، އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެން ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށް ދިން ޙަމަލާތަކުގައި ދެ މީހަކު ޝަހީދު ކޮށްލިއެވެ. އަދި، އިތުރު މީހަކު ޒަޚަމު ކޮށްލިއެވެ. މީގެ އިތުރުން، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން ޔަހޫދީން ދީފައިވާ ޙަމަލާތަކެއްގައި އިތުރު މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އޮކްޓޫބަރު 10ށް ފަހު ޔަހޫދީން ދީފައިވާ މި ފަދަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 342ށް އުފުލިފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިިހާ އަސީރުން މިނިވަން ކޮށްފައެވެ. އަދި، މަރުވެފައިވާ ގިނަ އަދަދެއްގެ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކޮށްފައެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފިން ބުނީ، ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޣައްޒާގެ ސަރަޙައްދަކުން މަރުވެފައިވާ އިތުރު އަސީރެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ. ނަމަވެސް، އެ މީހާގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލުކުރާނެ ތާރީޚު ސާފެއް ނޫނެވެ. މި ވަގުތު ޔަހޫދީންނާ ޙަވާލު ނުކޮށް އޮތީ ތިން އަސީރެއްގެ ހަށިގަނޑެވެ.

އެއްބަސްވުމާ އެއްގޮތަށް ޙަމާސުން އަމަލު ކުރަމުން ދިޔަ ނަމަވެސް ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންނެވެ. އަދި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް މިހާރު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ރޭވުމާ ގުޅޭ ގޮތުން ޙަމާސުން މިހާރު ވެސް ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. މިޞްރުގެ ވެރިރަށް ޤާހިރާގައި އެ ޤައުމުގެ މަންދޫބުންނާ އެކު ކުރަމުންދާ މަޝްވަރާތަކުގައި ޙަމާސް ތަމްސީލު ކުރައްވަނީ އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާއެެވެ. އެ މަޝްވަރާތަކުގައި ޙަމާސުން ބުނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން އެއްބަސްވުމުގެ ދެވަނަ މަރުޙަލާ އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅިފައިވާ ކަމުގައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. އެ ކަމުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. އެއްބަސްވުމުގައިވާ ގޮތުން، ޣައްޒާގައި ވެރިކަން ހިންގާނީ ފަންނީ މާހިރުންގެ މައްޗަށް އެކުލެވިގެންވާ އިންތިޤާލީ ކައުންސިލަކުންނެވެ. އަދި، އެ ކައުންސިލުގެ މައްޗަށް ބަސްބުނާނީ 'ސުލްޙައިގެ ބޯޑު'ގެ ނަމުގައި އެކުލަވައިލުމަށް ޓްރަމްޕް ނިންމަވާފައިވާ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު އޭނާ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ ބޯޑުގައި ބައިވެރިވެ ވަޑައިގެންނެވުމަށްް އޭނާ ދެއްވާފައިވާ ދަޢުވަތު ޤަބޫލު ކުރައްވާނެ ކަމުގެ އިޝާރާތެއް ބްލެޔަރ ވަނީ ދެއްވާފައެވެ. އަދި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް އޭނާ ދާދިފަހުން ވަނީ ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވާފައެވެ. ޕީއޭއަކީ ޔަހޫދީންގެ އިސްތިޢުމާރީ ބާރުގެ ދަށުގައި އަޅުވެތިކޮށްފައި އޮތް ހުޅަނގު އައްސޭރީގައި ވެރިކަން ހިންގާ ސަރުކާރެވެ. ހުޅަނގު އައްސޭރިއަށް ކުރެއްވި ދަތުރުފުޅުގައި ބްލެޔަރ ވަނީ ފަލަސްޠީނުގެ ނައިބު ރައީސް ޙަސަން އަލް-ޝައިޚާ ބައްދަލު ކުރައްވައި، މަޝްވަރާތައް ބާއްވަވާފައެވެ.