ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މި އަހަރުގެ ޝިޢާރު ބިނާވެފައިވަނީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ދޭ އަނިޔާ ހުއްޓުވުމުގެ މައްޗަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެކްސްގައި ޙިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، އަނިޔާ ލިބޭ ކޮންމެ އަންހެން ކުއްޖަކާއި އަންހެނެއްގެ ހައްޤުގައި ވަކާލާތު ކުރާ ކަމަށެވެ.
އަދި މިއަދުގެ މި ދުނިޔޭގައިވެސް ތަފާތުކުރުންތަކާއި، އަނިޔާއާއި އެކިކަހަލަ ގަނާގެ ޝިކާރައަކަށް އަންހެނުން ވަމުންދާކަމީ އެކަމާމެދު ވިސްނާ، ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް ވާންވާނީ، އަންހެނުން ބާރުވެރިކުރުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ކަމަށާއި، އަންހެނުންނަށް ގޯނާ ކުރުމާއި ދެކޮޅަށް ތެދުވެ އަޑު އުފުލުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ކަމަށެވެ. އަދި މިކަމުގައި އެންމެން އެކުގައި މަސައްކަތްކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މާޙައުލަކަށް ހަދަންޖެހޭ ކަމަށެވެ.
މީގެއިތުރުން ކޮންމެ އަންހެނަކަށްވެސް ކަރާމާތްތެރިކަމާއި، ރައްކާތެރިކަމާއި އަދި ޙުދޫދުގެ ތެރެއިން މިނިވަންކަމާއިއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
Today, as we mark the International Day for the Elimination of Violence Against Women, I speak for every woman and girl silenced by fear. We all deserve safety, dignity, and the freedom to thrive. As women in this digital age, we refuse to accept violence as a “normal” part of…
— First Lady Sajidha Mohamed (@sajidhaamohamed) November 25, 2025
އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 25ވަނަ ދުވަހުއެވެ.
ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮންމެ 3 އަންހެނަކުން އެކަކީ، ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާގެ ޝިކާރައަކަށްވާ މީހެކެވެ.