ޚަބަރު

އައިއެމްސީޓީސީއާއެކު ނިރުބަވެރިކަމާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ވަރުގަދަވެއްޖެ: ވަޒީރު އިޙްސާން


  • އައިއެމްސީޓީސީއަކީ، ސަޢުދި ޢަރަބިއްޔާ އިސްވެ 2015 ވަނަ އަހަރު އުފެއްދި ޖަމާޢަތެއް

  • އައިއެމްސީޓީސީއިން ހިންގަނީ، އަސްކަރީ ތަމްރީނު ޕްރޮގްރާމަކާއި ސައިބަރ ސެކިއުރިޓީ ޕްރޮގްރާމެއް

  • ރިޔާދު ކައުންޓަރ ޓެރެރަރިޒަމް ސެންޓަރުގައި ރާއްޖޭގެ އޮފިސަރުން މިހާރުވެސް މަސައްކަތް ކުރޭ

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން، އައިއެމްސީޓީސީ ގުޅިގެން ކުރާ މަސައްކަތަކީ ރާއްޖެއިން ނިރުބަވެރިކަމާޢި ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އައިއެމްސީޓީސީން ރާއްޖޭގެ ނިރުބަވެރިކަމާޢި ދެކޮޅަށް މަސައްކަތް ކުރުމަށް ކުރިއަށްގެންދާ ދެ ތަމްރީނު ޕްރޮގްރާމެއް އިފްތިތާޙް ކުރުމަށް ބޭއްްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ވަނީ، އައިސީއެމްސީޓީސީން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ކޯލިޝަން އުފެއްދުމަށް ސަޢުދި ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތަކީ، އިސްލާމީ ޤައުމުތަށް އެކުގައި މަސައްކަތް ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ވަޒީރު ވަނީ، އައިއެމްސީޓީސީއާއި ގުޅިގެން ރާއްޖެއިން މަސައްކަތް ކުރަނީ ނިރުބަވެރިކަމުން އޮތް ނުރައްކަލަކީ ވަކި ޤައުމަކަށް އެކަނި ޙައްލުކުރެވޭނެ ކަމެއް ނޫންކަން ޤަބޫލުކުރާތީ ކަމަށް ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވަނީ، އައިއެމްސީޓީސީން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، އެ ޖަމާޢަތާއި ގުޅިގެން ކުރިއަށް ގެންދާ ދެ ޕްރޮގްރާމަކީވެސް ރާއްޖެއަށް މުހިންމު ދެ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.

" އަޅުގަނޑުމެން ފަޚުރުވެރިވޭ ސަޢުދި އަރަބިއްޔާގެ ރިޔާދުގައި ހުންނަ އައިއެމްސީޓީސީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ދިވެހި އޮފިސަރުން މަސައްކަތް ކުރާތީ. އެ ފަރާތްތަކުން ދަނީ، އަގުހުރި ތަޖުރިބާތަށް ހޯދާ، ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަޤްވާމީ މަސައްކަތެއްގައި ބައިވެރިވަމުން. މިކަމުން އަޅުގަނޑުމެންގެ ކައުންޓަރ ޓެރަރިޒަމް އެނަލިސިސް އަދި އޮޕަރޭޝަނަލް ކެޕޭސިޓީ މިވަނީ ބޮޑުތަނުން އިތުރުކުރެވި، ސަރަހައްދީ ބައިވެރިވުން އިތުރުކުރެވިފައި. މިފަދަ ފުރުސަތުތައް ޤައުމު ވިލުންތެރިކުރުވާ އަޅުގަނޑުމެންގެ ތައްޔާރީ ހާލަތު އިތުރަށް ހަރުދަނާކޮށްފި " ދާޚިލީ ވަޒީރު ވިދާޅުވިއެވެ.


އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނަކީ، އިސްލާމީ ޤައުމުތައް އެކުވެ ނިރުބަވެރިކަމާއި ދެކޮޅަށް އަސްކަރީ ގޮތުން މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމާޢަތެކެވެ. މިމަސައްކަތުގެ ދަށުން ރާއްޖޭގައި އެޖަމާޢަތުން ހިންގާ ދެ ޕްރޮގްރާމަކީ، ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ ސައިބަރ ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމާއި، އަސްކަރީ ޤަބިލިއްޔަތުކަން އިތުރު ކުރުމަށް ހިންގާ އަސްކަރީ ތަމްރީން ޕްރޮގްރާމެކެވެ.

މި ދެ ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ، މިކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ދެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށް ޕްރޮގްރާމް ކުރިއަށް ގެންދަން ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އަސްކަރީ ޤަބިލިއްޔަތުކަން އިތުރު ކުރުމަށް ހިންގާ ތަމްރީނަކީ، އުޅަނދުތަކަށް ހަމަލާ ދިނުމަށް ކަނޑަަށް އަޅާފައިވާ ބޮންތައް ނައްތާލުމުގެ މަސައްކަތަށް ހިންގާ 3 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. ދެން ކުރިއަށް ގެންދާ ސައިބަރ ސެކިއުރިޓީ ޕްރޮގްރާމަކީ، ސައިބާ ހަމަލާތަކުން ދިފާޢުވެ އެފަދަ ހަމަލާތަކުން ރާއްޖޭގެ ފަންނިއްޔާތުގެ ވަސީލަތްތައް ރައްކާތެރި ކުރުމަށް ހަރަކާތްތެރިވާނެ ގޮތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

އައިއެމްސީޓީސީއަކީ، ސަޢުދި އަރަބިއްޔާ އިސްވެ އޮވެ 43 ޤައުމެއް އެކުވެ އުފައްދާފައިވާ ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތްކުރާ ޖަމަޢާތެކެވެ. މި ޖަމާޢަތުގެ މަސައްކަތްތަކުގެ ތެރޭގައި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ޤައުމީ ފެންވަރުގައި އަސްކަރީ ޤަބިލިއްޔަތުކަން އިތުރު ކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ.