ޚަބަރު

ހެލްތު އިންޝުއަރެންސާއި އަރުތަ ޕްރޮގުރާމުން ކުޅިވަރު އެހެން ހަރުފަތަކަށް ގެންދާނެ: ވަޒީރު ރާފިޢު


  • ޑޭވިސް ކަޕުގައި ރާއްޖެ ހިމެނޭ ގުރޫޕުން އެއްވަނަ ލިބުމަކީ ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށް ވަޒީރު ވިދާޅުވި

  • ކުޅިވަރުގެ ދިގު ރާސްތާ ޕްލޭން ތަންފީޒުކުރުމަށްޓަކައި އެއް ހަރުފަތުން އަނެއް ހަރުފަތަށް ދާ މަންޒަރު ފެނިގެންދާކަމީ ވަރަށް އުފާކުރާކަމެއް ކަމަށް ވިދާޅުވި

‎އަންނަ އަހަރުން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ހަމަޖެހުމާއި، އަރުތަ ޕްރޮގުރާމަށް ގެނައި ބަދަލު މިއީ ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑަށް ބާރުއެޅިގެންދާނެ ކަމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

‎ކުޅިވަރާ ބެހޭ ވަޒީރު މިހެން ވިދާޅުވީ ޑޭވިސް ކަޕްގައި އޭޝިއާ/އޯޝޭނިއާ ގުރޫޕު 5 ގެ އެއްވަނަ ހޯދައިގެން ރާއްޖެއަށް ތާރީހީ ކާމިޔާބީއެއް ހޯދައިދިން ގައުމީ ޓެނިސް ޓީމާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

‎ޑޭވިސް ކަޕްގައި ރާއްޖެ ހިމެނޭ ގުރޫޕުން އެއްވަނަ ހާސިލުކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހްރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ 14 ގައުމު ބައިވެރިވި މުބާރާތަކުން ދެވަނައަށް ތިންވަނައަށް މިހެން ދެވުމަކީ މީ ފަސޭހަކަމެއް ނޫން ކަމަށެވެ.

‎"އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ. އެކުދިން އެ ހޯދި ކާމިޔާބީ އަޅުގަނޑުމެން ފާހަގަކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭތީވެ އަޅުގަނޑުމެން އެކުދިންނާއި ބައްދަލުކޮށް މިހާރަށްވުރެ ބޮޑަށް ހިތްވަރުދީ ސަރުކާރުން ކޮށްދެވެން ހުރިކަންކަން ފާހަގަކުރިން" ކަމަށް ވަޒީރު ވިދާޅުވިއެވެ.

‎އޭގެތެރޭގައި މުސާރަ ބޮޑުކުރުމާއި، އަރުތަ ޕްރޮގްރާމު އެހެން ލެވެލަކަށް ގެންދިއުމާއި އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ގައުމީ ޓީމުތަކުގެ ކުދިންނަށް ހެލްތް އިންޝުއަރެންސް ހޯދައިދިނުމާއި މިކަންކަމަކީ ވަރަށް ގިނަ ޒަމާންވަންދެން ދެއްކި ވާހަކަތައް ހަގީގަތަކަށް ވެގެންދާ ދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

‎ޑޭވިސް ކަޕްގެ ތާރީހީ ކާމިޔާބީއަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ މިއީ ފަސޭހަކަމެއް ނޫން ކަމަށާއި، ޔޫއޭއީ، މަކާއޯ އަދި ތަޖިކިސްތާނު ބަލިކޮށް ގުރޫޕުގެ އެއްވަނައިގައި އޮވެގެން ރާއްޖެއަށް ފައިނަލަށް ދެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

‎"މިއަހަރު ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ހާސިލުކުރެވިއްޖެ. އޭގެތެރޭގައި ދާދިފަހުން އަންހެން ޓީމުވެސް ވަނީ އަންހެނުންގެ ވޯލްޑް ކަޕްގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައި ގުރޫޕު ސްޓޭޖުން. މިއީ އަޅުގަނޑުމެންނަށް މިހާތަނަށް ޓެނިހުން ލިބުނު އެންމެ ބޮޑު ކާމިޔާބީ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

‎މީގެ އިތުރުން މިއަހަރު ފެނިގެން ދިޔައީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވިގެންދިޔަތަން ކަމަށާއި، އެހެންކަމުން މިއީ ހުރިހާ ގޮތަކުން ބެލިނަމަވެސް ޓެނިހުގެ ވަރަށް ކާމިޔާބު އަހަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

‎ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ޓެނިސް އެސޯސިއޭޝަނާއި ވަރަށް ގާތުން ކަމަށާއި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ މިއަށްވުރެވެސް ބޮޑެތި ކާމިޔާބީތައް އިރާދުކުރެއްވިއްޔާ ހާސިލް ކުރެވޭނެ ކަމަށެވެ.

އަދި ކުޅިވަރުގެ ދިގު ރާސްތާ ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެއް ހަރުފަތުން އަނެއް ހަރުފަތަށް ދާ މަންޒަރު ފެނިގެންދާކަމީ ވަރަށް އުފާކުރާކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.