ފަރަންސޭސިވިލާތުން ރާއްޖެއަށް ބައިލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަރަންސޭސްވިލާތަކީ، މިހާރު ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,969,726 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,790,268 ފަތުރުވެރިންނާ އަޅާ ބަލާއިރު، 10 އިންސައްތަ އިތުރު ޢަދަދެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަރަންސޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ، ބައިލައްކައަށް އަރާފައެވެ. އެގޮތުން މިމަހުގެ 22 ވަަނަ ދުވަހުގެ ނިޔަލަށް ފަރަންސޭސިވިލާތުން ރާއްޖެއަށް 50،282 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، ރާއްޖެ އައި ފަތުރުވެރިންގެ 2.6 އިންސައްތައެވެ.
* ޗައިނާ: 307,722 ފަތުރުވެރިން
* ރަޝިއާ: 248،308 ފަތުރުވެރިން
* އިނގިރޭސިވިލާތް: 175،874 ފަތުރުވެރިން
* ޖަރުމަނުވިލާތް: 148،612 ފަތުރުވެރިން
* އިޓަލީވިލާތް: 128،286 ފަތުރުވެރިން
މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، %73.6 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ގެސްޓްހައުސްތަކުގައެވެ. އެއީ، %21.5 ފަތުރުވެރިންނެވެ.
ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ، ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 2 މިލިޔަން ފަތުރުވެރިންނެވެ. އެހެންކަމުން އަމާޒު ޙާސިލުކުރަން ދެން ބޭނުންވަނީ، 3 ލައްކައެއްހާ ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.