އަންނަ ޖަނަވަރީ މަހު އަމަލުކުރަން ފަށާ އައު ޕްރޮކިއުމަންޓު ޕޮލިސީއާއެކު ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ. ނަޖާޙް މިހެން ވިދާޅުވީ މަޖިލީހުގެ އެންވަރމަންޓު އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަދައްކަވަމުންނެއެވެ.
ކޮމިޓީގައި ވާހަކަދައްކަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ކުންފުންޏާއި ޙަވާލުވިއިރު މިދިޔަ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށެވެ. އެގޮތުން ކަންކަން ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވީއިރު، އެކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީ ޕީސީބީގެ ޕޮލިސީއާ ފުށޫ އެރުންތަކެއް ހުރިކަމަށެވެ. އެގޮތުން އެކަން ހައްލުކުރުމުގެ ގޮތުން ޕްރޮކުއަމަންޓު ޕޮލިސީ އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަން ނަޖާޙް ފާހަގަކުރެއްވިއެވެ. ނަޖާޙް ވިދާޅުވީ ޕޮލިސީ އިސްލާހުކުރުމުގެ ފުރަތަމަ މަރުހަލާ ނިމި ޑްރާފްޓު ބޯޑަށް ހުށައެޅުމުގެ ތައްޔާރުވަމުންދާ ކަމަށެވެ. އަދި އަމާޒަކީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައު ޕްރޮކިއުމަންޓު ޕޮލިސީއަށް އަމަލުކުރަން ފެށުން ކަމަށް ނަޖާޙް ވިދާޅުވިއެވެ.
"މި އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނީ އައު ޕޮލިސީއާއެކު. އޭގެ ފުރަތަމަ މަރުހަލާ ނިންމާ ޑްރާފްޓު ނިންމާ ބޯޑަށް ހުށައަޅަން ތައްޔާރުވެފައިވަނީ. ބޯޑަށް ހުށައެޅީމައި ބޯޑުން ދޭނެލަފާ. ފައިނަލް ޑްރާފްޓްއަކަށް ތާރޑް ޕާޓީއަކަށް ފޮނުވާގެން އަނެއްކާ ރިވިއުކުރާނީ. އަޅުގަނޑުމެން އަމިއްލަ އަށް ރިވިއު ކުރުމަކީ ރަނގަޅު ގޮތެއް ނޫން" ނަޖާޙް ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ އައު ޕްރޮކިއުމަންޓު ޕޮލިސީއަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ޓްރެއިނިންގްތައް ކުރިއަށްގެންދާނެ ކަމަށެވެ. ނަޖާޙް ވިދާޅުވީ އައު ޕޮލިސީއާއެކު ޒިންމާދާރު ކުރެވޭނީ ޕްރޮކިއުމަންޓުގެ ލިޔެކިޔުންތަކުގައި ސޮއިކުރާ މީހާ އެކަނި ނޫންކަމަށެވެ. މަސައްކަތުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވި އެންމެން ޒިންމާދާރު ކުރެވޭނެކަމަށް ނަޖާޙް ވިދާޅުވިއެވެ.
އައު ޕްރޮކިއުމަންޓު ޕޮލިސީ ތަންފީޒު ވެގެންދާއިރު ޕްރޮކިއުމަންޓު ކޮމިޓީއެއް އުފެދިގެންދާނެކަމަށް ނަޖާޙް ވިދާޅުވިއެވެ. ނަޖާޙް ވިދާޅުވީ ކޮމިޓީގެ ތެރެއިން ބޮޑެތި ޕްރޮކިއުމަންޓުގެ ކަންކަން ކުރިއަށް ގެންދާއިރު ޓެކްނިކަލް ކަންކަންވެސް އެކަމަށް ހާއްސަކުރެވިފާ ފަރާތްތަކުން ބަރާބަރަށް ބަލަމުންދާނެކަމަށެވެ. ނަޖާޙް ވިދާޅުވީ ކަންކަން ކުރިއަށް ގެންދާނީ ދެފުށް ފެންނަ ނިޒާމެއްގެތެރެއިން ކަމަށެވެ.
ނަޖާޙް ވިދާޅުވީ ކުންފުނީގެ އޮޑިޓްތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށްވުރެއް ހަރުދަނާކޮށްފައިވާކަމަށެވެ. އެގޮތުން 3 ލެވެލްގައި އޮޑިޓްގެ ކަންކަން ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އޮޑިޓަރ ޖެނެރަލް ކުރިއަށްގެންދެވި އެކުންފުނީގެ އޮޑިޓް ރިޕޯޓުންވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް އެކުންފުންޏާއި ގުޅޭ ޚިޔާނާތުގެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބަައެއް ވެރިންނަށް ދަޢުވާކުރުމަށްވަނީ ކޯޓަށް ފޮނުވާފައިވާއިރު އެމައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސްވަނީ ހިފަހައްޓާފައެވެ.