މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުން މިހާތަނަށް 46،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލައިފިއެވެ. މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
މި ބޯޓުގެ ދަތުރުތައް ފަށާފައިވަނީ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ދަތުރު ފަށާފައިވަނީ ޗައިނާގެ ޗެންޑޫއަށެވެ.
މޯލްޑިވިއަނުން ވިދާޅުވީ، ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި މިހާތަނަށް 140 ދަތުރުކޮށްފައިވާކަމަށެވެ. އެއީ 3 ޤައުމަކަށް ކޮށްފައިވާ ދަތުރެވެ. އެގޮތުން ޗައިނާގެ 3 މަންޒިލަކަށް ވައިޑް-ބޮޑީ މަތިންދާ ބޯޓުން ދަތުރުތައް ކުރަމުން އަންނައިރު ޗައިނާއަށް މުޅި ޖުމްލަ 117 ދަތުރު ވަނީ ކޮށްފައެވެ. ސައުދީ އަރަބިއްޔާއަށް 14 ދަތުރު އަދި އިންޑިއާއަށް 9 ދަތުރު ވަނީ ކޮށްފައެވެ.
Maldivian A330-200 Widebody aircraft, connecting the Maldives 🇲🇻 to the world with comfort and care.#MaldivianAero #Haftha104 pic.twitter.com/hBz7is6AC8
— IASLaero (@IASLaero) November 23, 2025
މި ހުރިހައި ދަތުރުތަކާއިއެކު މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި މިހާތަނަށް 46،000 ފަސިންޖަރުން އުފުލާފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ދަނީ އެކި މަންޒިލްތަކަށް މުދާވެސް އުފުލަމުންނެވެ. އެގޮތުން މިހާތަނަށް 1،159،000 ޓަނުގެ ކާގޯ ވަނީ އުފުލާފައެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސް އިތުރު މަންޒިލްތަކަށް ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އިތުރު މާކެޓްތައް ދިރާސާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ދެކުނު ކޮރެއާ އަދި ދެކުނު އެފްރިކާ ފަދަ ޤައުމުތައް ހިމެނެއެވެ.