ޚަބަރު

ސީ-ޓު-އެއަރ މެދުވެރިކޮށް 3000 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފި


  • ޚިދުމަތް ފެށީ 15 މެއި 2024 ގައި

  • 17 އެއަރލައިނެއް ވަނީ ޚިދުމަތާއި ގުޅިފައި

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް 3000 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ މި ސަރުކާރުން މުޅިން އަލަށް ފެށްޓެވި ޚިދުމަތެކެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފަށާފައިވަނީ 15 މެއި 2024 ގައެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ، އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، 15 މެއި 2024 އިން 7 ނޮވެންބަރ 2025 ގެ ނިޔަލަށް ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތައް 17 އެއަރލައިނަކުން ގުޅިފައިވާކަމަށެވެ. އަދި ވައިގެ މަގުން 24 ޤައުމަކަށް މުދާ ފޮނުވާފައިވާކަމަށެވެ. މި މުއްދަތުގެ ތެރޭގައި ސީ-ޓު-އެއަރ ކާގޯއިން 3617 ޓަނުގެ ކާގޯ އުފުލާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ. މި ޚިދުމަތަށް އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިޞާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.