މުބާރާތްތަކަށް ތައްޔާރުވުމުގައި ހުރިހާ ކުޅިވަރެއްގައިވެސް އެއްގޮތް ކަންތައްތައް ހުންނާނެ ކަމަށާއި، އެކަންތައްތަކުން އެތުލީޓުން ނަމޫނާ ނަގަމުންދާނަމަ ބޮޑީބިލްޑިންގ އިން މި ހޯދާ ކާމިޔާބީ އެހެން ކުޅިވަރުތަކުންވެސް ހޯދޭނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ނިމިގެން ދިޔަ ވޯލްޑް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ވަނަތައް ހޯދައިދިން އެތުލީޓުންނަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ، ބޮޑީ ބިލްޑަރުން އެ ހޯދާ ކާމިޔާބީގައި އެންމެ މުހިންމު ކަމަކީ އެ އެތުލީޓުން މުބާރާތްތަކަށް ތައްޔާރުވާން ފަށާ ހިސާބުން ފެށިގެން އެވާ "ބޮޑު ގުރުބާނީ" ދެމެހެއްޓުން ކަމަށެވެ.
"ބޮޑީ ބިލްޑިންގ ވަރަށް ކާމިޔާބު ކުޅިވަރެއް ގޮތުގުގައި އަޅުގަނޑަށް ސިފަވަނީ. އެންމެ މުހިންމު ކަމަކީ ހަގީގަތުގައި ކުޅުންތެރިން ނުވަތަ އެތުލީޓުން މުބާރާތްތަށް ތައްޔާރުވާން ފަށާ ހިސާބުން ވަރަށް ބޮޑު ސެކްރިފައިޒްއެއް ކޮށްގެން ވަރަށް ބޮޑަށް އެ މަސައްކަތުގެ ތެރެއިން އެ ނަތީޖާ ހާސިލްކުރަނީ. އެހެންވީމަ ހަގީގަތުގައި ކުޅިވަރު ކުޅޭ ހުރިހާ އެތުލީޓުންވެސް ބޮޑީ ބިލްޑަރުންގެ ކިބައިގައި ހުންނަ މި ސިފަތައް، އެ ޑިސިޕްލިން މެއިންޓެއިން ކުރުމާއި ދެން ހަމަ އެއާއެއްކޮށް އެވާ ގުރުބާނީ، އޭގެން އަސްލުގައި ނަމޫނާ ނަގަންޖެހޭ" ޠަލާލް ވިދާޅުވިއެވެ.
އެހެންކަމުން ހަގީގަތުގައި ކުޅިވަރު ކުޅޭ ހުރިހާ އެތުލީޓުންވެސް ބޮޑީ ބިލްޑަރުންގެ ކިބައިގައި ހުންނަ މި ސިފަތަކާއި އެ އަހްލާގް ދެމެހެއްޓުމާއިއެކު އެވާ ގުރުބާނީން ނަމޫނާ ނަގަންޖެހޭކަމަށް ޠަލާލް ވިދާޅުވިއެވެ.
"ބޮޑީ ބިލްޑިންގއަކީ ވަރަށް ކާމިޔާބު ކުޅިވަރެއް ގޮތުގައި އަޅުގަނޑަށް ސިފަވަނީ. އެންމެ މުހިންމު ކަމަކީ ހަގީގަތުގައި ކުޅުންތެރިން ނުވަތަ އެތުލީޓުން މުބާރާތްތަށް ތައްޔާރުވާން ފަށާ ހިސާބުން ވަރަށް ބޮޑު ސެކްރިފައިޒްއެއް ކޮށްގެން ވަރަށް ބޮޑަށް އެ މަސައްކަތުގެ ތެރެއިން އެ ނަތީޖާ ހާސިލްކުރަނީ" ޠަލާލް ވިދާޅުވިއެވެ.
ކުޅިވަރު ތަރައްގީކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި، ބޭނުންވާ އެހެން ތަމްރީނު ޕްރޮގްރާމުތަކަށް ދިއުމަށް ފުރުސަތުތައް ހޯދައިދޭނެ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.
ކޮންމެ ކުޅިވަރަކުންވެސް ކާމިޔާބީއާއި ހަމައަށް ދިއުމަށްޓަކައި މަސައްކަތް ކުރާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ ކުޅިވަރު ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކަމަށްވެސް ކޮމިޝނަރ އޮފް ސްޕޯޓްސް ފާހަގަކުރެއްވިއެވެ.
ޠަލާލް ވިދާޅުވީ ކޮންމެ ކުޅިވަރެއްގައިވެސް ކާމިޔާބީއަކާއި ހަމައަށް ދާން ބޭނުންނަމަ އެ އަޒުމާއެކު މަސައްކަތްކުރާއިރު އެ މުބާރާތެއްގައި ވާދަކުރާ އެހެން އެތުލީޓުންގެ ފެންވަރު ވަޒަން ކުރުމާއި ކާމިޔާބީ ލިބޭނީ ކޮންކަންތައްތަކެއް ކޮށްގެންކަން ބަލާ ހޯދާ މި ދިރާސާތައް ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އެކަންކަން ކުރާނީ ކޯޗުންނާއި އެ އެސޯސިއޭޝަނެއްގެ މެނޭޖްމެންޓު ޓީމުން. އެ މަސައްކަތްތައް ކޮށްގެން މުބާރާތަށް ތައްޔާރުވެގެން ދާނަމަ އަޅުގަނޑު ދަންނަވާނީ ކާމީޔާބީއަކީ އަޅުގަނޑުމެންގެ އަތުގައި އޮންނާނެ އެއްޗެކޭ އިރާދުކުރެއްވިއްޔާ" ޠަލާލް ވިދާޅުވިއެވެ.
އެހެންވީމަ މިހުރިހާ ކަމެއްގެ ތެރެއިން އެސޯސިއޭޝަނުންނާއި، މެނޭޖަރުންނާއި، އޮފިޝަލުންނާއި، އެތުލީޓުން އެ އަޒުމާއެކު މަސައްކަތް ކުރާނަމަ ހުރިހާ ކުޅިވަރަކުންވެސް ކާމިޔާބީ ލިބޭނެ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.