ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމެއް ޤާއިމްކޮށް، އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ނަމަވެސް އަދިވެސް ޔަހޫދީންގެ ވަރުގަދަ ޙަމަލާތައް ދަނީ ޣައްޒާއަށް އަމާޒުވަމުންނެވެ. އެ ގޮތުން އެއްބަސްވުމަށް ބެލުމެއް ނެތި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ޔަހޫދީން ވަނީ ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލައިފައެވެ.
ޣައްޒާގެ އިދާރާތަކުން ބުނީ އެންމެ ފަހުގެ ޙަމަލާތަކުގައި ޔަހޫދީން ޣައްޒާގެ 20 ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެ ޙަމަލާތަކުގައި 80އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. އެނގިފައިވާ ގޮތުގައި ޔަހޫދީންގެ ފުަރަތަމަ ޙަމަލާ އަމާޒުކޮށްފައި ވަނީ ރިމާލް ކިޔައި ބައިބޯ އަވަށެއްގައި އޮތް ކާރަކަށެވެ. އެ ޙަމަލާގައި ފަސް މީހުން ޝަހީދުވެފައިވެއެވެ.
އޭގެ އިރުކޮޅެއް ފަހުން ޔަހޫދީން ވަނީ ދީރުލް ބަލާޙްއާއި ނުޞައިރާތު ކޭމްޕުގައި ހުރި ދެ ގެއަކަށް ޙަމަލާ ދީފައެވެ. އެ ދެ ޙަމަލާގައި ވެސް ދިހަ މީހުން ޝަހީދުވެ، ގިނަ ޢަދަދެއްގެ މީހުންނަށް ޒަަޚަމްވެފައިވެއެވެ. ހަމަ އެ ދުވަހު ޣައްޒާ ސިޓީގެ ހުޅަނގު ސަރަޙައްދުގައި ހުންނަ ގެއަކަށް ދިން ޙަމަލާއެއްގައި ވެސް އިތުރު ފަސް މީހުން ޝަހީދުކޮށްލާފައިވެއެވެ. އެއާއެކު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަމުން ދަނިކޮށް ނޮވެމްބަރު މަހުގެ 22މީ ހޮނިހިރު ދުވަހު އެކަނި ޝަހީދުވި މީހުންގެ ޢަދަދު 20އަށް އަރައެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ނެރެފައިވާ ބަަޔާނެއްގައި ބުނީ ޔަހޫދީންގެ ޙަމަލާތައް ދުވަހެއް ދުވަަހަކަށް އިތުރުކުރަމުންދާ ކަަމަށާއި، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން އެކުލަަވައިލުމަށް އެހީތެރިވި ޤައުމުތަކުން ޔަހޫދީންގެ ޢަމަލުތަކާ މެދު ފިޔަވަޅު އަޅަައި، އެއްބަސްވުން ދަމަހައްޓަންޖެހޭ ކަމަށެވެ.
ޔަހޫދީން ޣައްޒާއަށް އަދިވެސް ޙަމަލާތައް އަމާޒުކުރަމުންދާ އިރު، ދުނިޔޭގެ އެކި ޤައުމުތަކުން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދޭތީ އެ ޤައުމުތަކުގެ ޢާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެ ގޮތުން އިޓަލީވިލާތުގެ ތިން މަދަނީ ޖަމްޢިއްޔާއަކުން ވަނީ އެ ޤައުމުގެ ދައުލަތުން ހިންގާ ދިފާޢީ ކުންފުނި، ލިއޮނާޑޯއާއި އިޓަލީވިލާތުގެ ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ ޖަމްޢިއްޔާތަކުން އެދެނީ ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް އެކުލަވާލާފައިވާ އެންމެހާ އެއްބަސްވުންތައް ބާޠިލް ކުރުމަށެވެ.
އިޓަލީވިލާތުން ޔަހޫދީންނަށް ހަތިޔާރު ވިއްކުން މަނާކޮށްފައިވާ ކަން އިޢުލާންކުރީ 2023ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭގެ ކުރިން ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޙުއްދަ ދޫކޮށްފައިވާ ހަތިޔާރު އަދިވެސް ޔަހޫދީންނަށް ފޯރުކޮށްދެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިޓަލީވިލާތުގެ ރޯމްގައި ހުންނަ ކޯޓަކަށް ފަލަސްޠީނުގެ ރައްޔިތަކާއި އިޓަލީވިލާތުގެ ތިން ޖަމްޢިއްޔާއަކުން އެކުގައި ހުށަހެޅި މައްސަލައިގައި ބުނީ ދުނިޔޭގެ އެންމެ ބޮޑު ހަތިޔާރު ކުންފުނިތަކުގެ ތެރޭގައި ލިއޮނާޑޯ ހިމެނޭއިރު. އެ ކުންފުނިން ޔަހޫދީ އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށާއި، އެއީ އިޓަލީވިލާތުގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ ޤަނޫނުތަކުން މަނާކުރާ ކަމެއް ކަމަށެވެ. އިޓަލީވިލާތުގެ ޤާނޫނުގައި ބުނާ ގޮތުން ހަނގުރާމަ ހިނގަމުންދާ ޤައުމުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކަށް އިޚްތިރާމު ނުކުރާ ފަރާތްތަކަށް ހަަތިޔާރު ވިއްކުން މަނާވާނެއެވެ.
އެ ތިން ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީން އިިސްތިޢުމާރު ކޮށްފަައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ޔަހޫދީންނަށް ޖަރީމާ ހިންގެނީ ބޭރުގެ ޤައުމުތަކުން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެމުން ދާތީ ކަމަށެވެ.