ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕް ކަމަށްވާ ޑޭވިސް ކަޕް 2025 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓެނިސް ޓީމުން މަކާއޯގެ މައްޗަށް ކުރި ހޯދައިފިއެވެ.
ބަހްރެއިންގައި ކުރިޔަށްދާ ޑޭވިސް ކަޕް މުބާރާތުގެ އޭޝިއާ/އޯޝޭނިއާ ގުރޫޕް 5ގެ ޕޫލް ޑީގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުން މަކާއޯގެ މައްޗަށް ކުރިހޯދީ 2-1 ންނެވެ. މަކާއޯ އާއި ރާއްޖެ ބައްދަލުކުރި ފުރަތަމަ ސިންގަލްސް މެޗުގައި ވާދަކުރީ ރާއްޖޭގެ ދާއޫދު ޝަހީބާއި މަކާއޯގެ ލޮއި ތޮއު ޗިއޮންގެވެ.
މި މެޗުގެ ސެޓުތައް މަކާއޯގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 6-7 އަދި 0-6 ންނެވެ. އެހެންނަމަވެސް ދެވަނަ ސިންގަލްސްގައި ރާއްޖޭން ވަނީ މަކާއޯ ބަލިކޮށްފައެވެ. އެގޮތުން ސީދާ ދެ ސެޓުން މަކާއޯގެ ސި ލޮން ޝޯން ފަސޭހަކަމާއެކު ބަލިކޮށް މެޗުގެ ސެޓުތައް ރާއްޖޭގެ ކެޕްޓަން އަހުމަދު ފާއިހު ފަޒީލް ގެންދިޔައީ 6-1 އަދި 6-3 ންނެވެ.
ނަތީޖާ ނެރުމަށް ކުޅުނު ޑިސައިޑިން ޑަބަލްސް މެޗުގައި ވާދަކުރީ ރާއްޖޭގެ ދާއޫދު އަދި އަހުމަދު ސާއި ވަހީދުގެ ޕެއާއެވެ. މި މެޗުގައި މަކާއޯގެ ޕެއާ ރާއްޖެއިން ބަލިކުރީ 6-2 އަދި 6-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ރާއްޖެއިން ވަނީ ގުރޫފު ޑީގައި ކުޅުނު 2 މެޗުވެސް ކާމިޔާބުކޮށް ކުރިޔަށް ހުރި މެޗުތަކަށް އިތުބާރު ބޮޑު ކޮށްފައެވެ. މި މުބާރާތުގައި މާދަމާ ރާއްޖެ ނިކުންނާނީ ތަޖިކިސްތާނާއި ދެކޮޅަށެވެ.
މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޔޫއޭއީ އާއި ވާދަކޮށް ރާއްޖޭގެ ފިރިހެން ޓެނިސް ޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފައެވެ.
ޑޭވިސް ކަޕްގައި ވާދަކުރާ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ޢަބުދުالله ފާއިހް ފަޒީލް، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދާއި، އާދަމް އާލް ނިޔާޒެވެ. މި ކުޅުންތެރިން މުބާރާތަށް ދިޔައީ ގުރޫޕް ފަހެއްގެ މެޗުތައް ކާމިޔާބުކޮށް ގުރޫޕު ހަތަރަކަށް ކޮލިފައިވުމުގެ އަޒުމުގައެވެ.