ޚަބަރު

ރާއްޖޭގެ 3 ސަރަހައްދެއްގައި ފްލޯޓިންގ ސޯލާ ޕީވީ ބަހައްޓާ ސައިޓްތަކުގެ މައުލޫމާތު އެއްކުރަނީ


  • މަޢުލޫމާތު އެއްކުރަން ތިން ސަރަހައްދެއްގައި ސިސްޓަމްތައް ވަނީ ބަހައްޓާފައި

  • މިސިސްޓަމްތައް މެދުވެރިކޮށް ތިމާވެށީގެ ކަންކަމާ ގުޅޭ މައުލޫމާތު އެއްކުރެވޭނެ

ފްލޯޓިންގ ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓާ ސައިޓްތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ ސިސްޓަމްތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހައްޓައިފިއެވެ. މި ސިސްޓަމްތައް ބަހައްޓާފައިވަނީ މ. މުލި، މ. މުލައް އަދި ފ. ނިލަންދޫގައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން، ސޯލާ ޕެނަލްތައް ފެންމަތީގައި ބެހެއްޓުމަށް އެންމެ އެކަށޭނަ ތަންތަން ދެނެގަތުމަށް ބޭނުންވާ ތަފާތު މައުލޫމާތުތައް އެއްކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން، މި ސިސްޓަމްތައް މެދުވެރިކޮށް އެ ސަރަހައްދުތަކުގެ މޫސުމާއި، ކަނޑުގެ ރާޅުގެ ހާލަތާއި، އަދި ތިމާވެށްޓާ ގުޅުން ހުރި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތުތައް އެއްކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މައުލޫމާތުތައް ނެގުމަކީ، ފެންމަތީގައި ސޯލާ ޕެނަލްތައް ބެހެއްޓުމުގެ މަޝްރޫޢުތައް ރާވައި ހިންގުމުގައި އެންމެ ރަނގަޅު ގޮތްތައް ކަނޑައެޅުމަށް އަސާސީކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއަކީ ބިން ކުޑަ ޤައުމަކަށް ވާއިރު، ފެންމަތީގައި ސޯލާ ޕީވީ ސިސްޓަމްތައް ބެހެއްޓުމަކީ، ބިމުގެ ބޭނުން ނުކޮށް ހަކަތަ އުފެއްދުން އިތުރުކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއީ ހަކަތަ އުފައްދާ މަސްދަރުތައް ގިނަ ކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ދައްކުވައިދޭކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތް ކުރިއަށް ދަނީ، ދިވެހިރާއްޖޭގެ ހަކަތަ ސެކްޓަރ ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް އެހީތެރިވުމަށް އަމާޒުކޮށް ކުރިއަށްގެންދާ "އެޝުއާރ" މަޝްރޫޢުގެ ދަށުން ކަމަށެވެ. އަދި މި މަޝްރޫޢަކީ އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން އިތުރުކޮށް، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ ހަރަކާތްތަކުގެ މުހިންމު ބައެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާކަން ސަރުކާރުން އިއުލާން ކުރެއްވީ، ކޮޕް 28 ސަމިޓުގެ ތެރެއިންނެވެ. މިއީ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ. އަދި މިކަމުގެ ސަބަބުން ތެލަށް ކުރާ ޚަރަދު ކުޑަކުރެވި، ދައުލަތުގެ މާލިއްޔަތުން ބޮޑު އިންސައްތައެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.