ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުން ދަނިކޮށް ޔަހޫދީން ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާތެއްގައި އެ ސަހަރުގެ ދިހަ މީހުން ޝަހީދުކޮށްލައިފިއެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޝުޖާޢިއްޔާއިން ދެ މީހުންނާއި އައްޒައިތޫންއިން ހަތަރު މީހުން ޝަހީދުވެފައިވެއެވެ. ތިންވަނަ ވައިގެ ޙަމަލާއެއް ދެކުނު ޣައްޒާގެ މަވާސީ ސަރަޙައްދަށް ދީފައިވާއިރު، އެ ޙަމަލާގައި ވެސް ހަތަރު މީހުން ޝަހީދުވެފައިވެއެވެ.
ތިން ޙަމަލާ ވެސް ދީފައި ވަނީ ޔަހޫދީންނާއި ފަލަސްޠީނުގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދުތައް ވަކިކޮށްދޭ “ރީނދޫ ރޮނގަށް”ވުރެ މާ ދުރުގައެވެ. ޒައިތޫންއަށް ދިން ޙަމަލާ އަމާޒުކޮށްފައި ވަނީ އިސްލާމީ ކަންތައްތަކާބެހޭ އިދާރާއެއްގެ އިމާރާތަކަށެވެ. އަދި މަވާސީ ސަރަޙައްދުގައި ދީފައިވާ ޙަމަލާ އަމާޒުކޮށްފައި ވަނީ އދން ހިންގާ މަރުކަޒަކަށެވެ. ދެ އި
މާރާތުގައި ވެސް ހަނގުރާމައިގެ ޙާލަތުަގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ ޢާއިލާތައް ދިޔައީ ދިރިއުޅެމުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުުދުވާނީ ޙަމަލާތައް ހުއްޓާލާފައި ވަނީ އެމެރިކާއިން އިސްވެ އޮވެ އެކުލަވާލައި މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ހަނގުރާމަ ހުއްޓާލާފައިވާ ނަމަވެސް ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޔަހޫދީން މިހާތަނަށް 290 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއްބައި މީހުން ޝަހީދުކޮށްލާފައި ވަނީ އެންމެ ދުވަހުގެ ތެރޭގައެވެ.